English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ އައްޑު އަތޮޅުގެ ގޮނޑި ކުރިން ފުރުއްވި މެމްބަރު މުހައްމަދު ރަޝީދު (ހިޔަލީ) އެމްޑީޕީން ވަކިވާން ނިންމައިފިއެވެ.

އޭނާ އެ ޕާޓީން ވަކިވާން ނިންމީ ރައީސް އިބްރާޙިމް މުޙައްމަދު ސާލިހު ނިޞްބަތްވާ ޕާޓީއެއްގައި ހުރުމަކީ ހެޔޮވާވަރު ކަމެއް ނޫން ކަމަށް ބުނެއެވެ.

އެމްޑީޕީ އިން ވަކިވުމަށް އެދި، އެ ޕާޓީގެ ސެކްރޭޓިއެޓަށް އޭނާ ފޮނުއްވި ސިޓީގައި ވަނީ ދިވެހި ކަނޑުން ބޮޑުބައެއް ގެއްލިގެން ދިއުމާއި، މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުވި ސިޓީ އަދިވެސް ސިއްރުކޮށްފައި އޮތުމަކީ ޕާޓީން ވަކިވާ ސަބަބެއް ކަމަށެވެ. އަދި އުތުރު ތިލަފަޅުގެ އެއްބަސްވުން އަދިވެސް ސިއްރުކޮށްފައިވާތީ އާއި އެކަމުގެ ސަބަބުން ރާއްޖެއަށް އެތައް ގެއްލުންތަކެއް ލިބޭނެ ކަމަށް ޤަބޫލުކުރާ ކަމަށެވެ.

ހިޔަލީ އެމްޑީޕީ އިން ވަކިވިއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށާއި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ތާއީދު ކުރައްވަން އޭނާ ވަނީ ނިންމަވާފައެވެ.

ހިޔަލީ ރަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ އައްޑު އަތޮޅުގެ ގޮނޑި ހަތަރު ދައުރު ފުރުއްވާފައިވާ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި ބޭފުޅެކެވެ.

އޭނާ އެމްޑީޕީ އާއި ގުޅުނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު ގައެވެ. އެއަށްފަހު ރައްޔިތުންގެ މަޖިލިހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ގާތް ބޭފުޅެއްގެ ގޮތުގައި ވެސް ހިޔަލީ ވަނީ ފާހަަގަކުރެވިފައެވެ.

ރައީސް ޔާމީނާއި ޕީޕީއެމް ދޫކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށާއި ނަޝީދު އަދި އިދިކޮޅު ކޯލިޝަނަށް ހިޔަލީ ރަޝީދު ތާއީދު ކުރައްވަން ފެއްޓެވީ މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައެވެ.

ރައީސް ޔާމީން އެންމެ ފުރަތަމަ އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ) ވުޖޫދަށް ގެނައުމުގައި އިސްވެ ހަރަކާތްތެރިވެވަޑައިގެންނެވި ހިޔަލީ ރަޝީދުވަނީ ޕީޕީއެމްގެ ރެޖިސްޓްރާ ގެ މަގާމު ވެސް ފުރުއްވާފައެވެ.