English Edition
Dhivehi Edition

މާލެއިން ޒުވާނަކު ގެއްލިގެން، އޭނާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެދިއްޖެއެވެ.

ފުލުހުން ބުނީ ދ. ކުޑަހުވަދޫ، ދިލްކަޝްވިލާ، އުމުރުން 30 އަހަރުގެ ޢަލީ ޢާތިފް ސާފީ ގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުންވީ މިމަހުގެ 12 ވަނަ ދުވަހު ކަމަށް އާއިލާއިން އެ ސަރވިސް އަށް އަންގާފައިވާ ކަމަށެވެ. އަދި އޭނާ ގެއްލިގެން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް އާއިލާއިން ރިޕޯޓު ކުރީ މިމަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

އާތިފް ގެ ޚަބަރެއް އާއިލާއަށް އެންމެފަހުންވީއިރު، އޭނާ ހުރީ މާލޭގައި ކަމަށް ވެސް ޕޮލިހުން މައުލޫމާތު ދެއެވެ.

ޢަލީ ޢާތިފް ސާފީ ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ޢާތިފް ހޯދިފައެއް ނުވާ ކަމަށް ވެސް ޕޮލިހުން ބުނެއެވެ.

ޢަލީ ޢާތިފް ސާފީ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792052 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރުމަށް ޕޮލިހުން ވަނީ އެދިފައެވެ.