ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިކޮށްފި އެވެ.
އިތުބާރު ހުރި ގޮތަކަށް އޭއޯނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އާޒިމް އެމްޑީޕީން ވަކިކުރަން ނިންމީ މިއަދު އޮތް އެޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ކޮމިޓީން ނިންމީ މި ނިންމުން ތަންފީޒުކުރުމަށް ޕާޓީގެ ސެކްރެޓޭރިއަޓަށް އެންގުމަށެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އެމްޑީޕީން ރަސްމީ ޖަވާބެއް އަދި ނުދެއެވެ.
އެމްޑީޕީގެ ސެކްރެޓޭރިއެޓުން ނިންމުން ހާމަކުރަން ހަމަޖެހިފައިވަނީ މާދަމާއެވެ.
އާޒިމް ޕާޓީން ވަކިކުރަން ނިންމިއިރު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކަށް ފިޔަވަޅު އަޅައިދިނުމަށް އެދި އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން، ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީއަށް ފޮނުއްވީ މިއަދު އެވެ. އެ ލިސްޓްގެ އެންމެކުރީގައި އާޒިމްގެ ނަން އޮތެވެ.
އާޒިމްގެ ނަން ފިޔަވަޅުއަޅާ ކޮމެޓީއަށް ފޮނުވުމުން އާޒިމް މިއަދު ވިދާޅުވެފައިވަނީ ފިޔަވަޅު އަޅަން ޕާޓީން ހިތައް އެރުމަކީވެސް ކުށެއް ކަމަށެވެ.
“ގާނޫނު އަސާސީއިން ރައްޔިތުންގެ މަޖްލިސް މެންބަރުންގެ މަސްއޫލިއްޔަތު، އަދާކުރުން ހުއްޓުވުމުގެގޮތުން ޕާޓީން އަޅުގަނޑާ ދޭތެރޭ ފިޔަވަޅު އަޅަން ހިތައް އެރުމަކީވެސް ކުށެއް. ޕާޓީގެ ރައީސް ވިދާޅުވަނީ ރާއްޖޭގެ ކަނޑުން ބައެއް އުނިވި މައްސަލައަކީ ޕާޓީގެސިޔާސަތުގައި އިހްތިޖާޖުކުރަންޖެހޭ ކަމެއް ކަމަށް” -ޢަލީ އާޒިމް