މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ދ.ކުޑަހުވަދޫގެ ދެ ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އެ ރަށު އުނިމާގޭގެ ފުރާޅު ރޭ ދަންވަރުގެ ވަގުތެއްގައި ގަދަ ވަޔާއެކު އެއްލާލާފައިވާއިރު ފުރާޅު އަލުން ހެދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ދ.ކުޑަހުވަދޫ ޕޯސްޓްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ގަދަ ވަޔާއެކު އުނިމާގެއާ ޖެހިގެން ހުރި ޝަބްނަމީގޭގެ ފުރާޅު ވެސް އެއްލާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް މިއަދު ވަނީ ހުދު ސަމާލު ނެރެފައެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭއިރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މައުލޫމާތުދެއެވެ.
އާއްމުކޮށް ހުރިހާ ފަރާތްތަކަކުން ޚާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވެ ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރަ އަލިވާން ފަށާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރަނީ މި ހަފްތާގެ ބުރާސްފަތިދުވަހާއި ހިސާބުންނެވެ.
“މިހާރު ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ގާތުން އުފެދިފައިވާ ” ފެބިއެން” ތޫފާނަކީ ރާއްޖޭގެ އިރު ދެކުނުގައި އުފެދިފައިވާ ތޫފާނަކަށް ވެފައި ރާއްޖެއާ ދުރަށް ދަތުރުކުރާތީ ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
މެޓް އޮފީހުން ބުނީ އެ ތޫފާނުގެ އިތުރުން މީގެ ހަތަރު ދުވަސްކުރިން ބޭ އޮފް ބެންގާލްގައި އުފެދުނު ތޫފާނު “މޮކާ”ގެ ބާރުވެސް ދަށްވެ ރާއްޖެއާ ދުރަށް ދަތުރުކޮށްފައިވާކަށެވެ.
އެއިދާރާއިން ބުނީ މިދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވެފައިވަނީ ތޫފާނެއްގެ އަސަރުކޮށްގެން ނޫންކަމަށާއި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށެވެ.
“ފެބިއެން” ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރިނަމަވެސް ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވުމުގެ ސަބަބުން ހަފްތާގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުވެސް މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.