English Edition
Dhivehi Edition

ކޮޅުމަޑުލު (ތ. އަތޮޅު) ތިމަރަފުށީ ރޯޒުމީޑް ގޭގައި އަލިފާންރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގިއިރު އެގޭގައި އެއްވެސް މީހަކު ނޫޅެވެ. “ގެ ތަޅުލައިފައި އެންމެން ބޭރުގައި އުޅުނު ވަގުތެއްގައި ރޯވި ކަމަށްވަނީ. ރޯވެފައިވަނީ ކަރަންޓު ޝޯޓެއްވެގެ ކަމަށްވާހަކަ ދެކެވެނީ. ފުރަތަމަ ރޯވެފައިވަނީ ގޮނޑިއެއްގައި ކަމަށްވެސް މައުލޫމާތު ލިބިފައިވޭ،” އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެ ހާދިސާގައިވަނީ ގޭގައި ހިފައިގެންގުޅޭ ހުރިހާ އެއްޗެއް އަނދައި އަޅިއަށްވެފައެވެ. އެހެންނަމަވެސް ލިބުނު ގެއްލުމުގެ އަގު އަދި ބެލިފައެއް ނުވެއެވެ.

އެ ރަށު ކައުންސިލުން ވިދާޅުވެފައިވަނީ އެއީ ވަރަށްމަދު ބައެއް އުޅޭ ގެއެއް ކަމަށެވެ. ކައުންސިލުން ވިދާޅުވެފައިވަނީ ރޯވި ސަބަބެއް އެނގިވަޑައިގެންފައި ނުވާކަމަށެވެ. ރޯވެފައި ހުއްޓައި ފެނިގެން ނިއްވާފައިވަނީ ފުލުހުންނާއި އާންމުގެ އެހީތެރި ކަމާއެކުގައެވެ. އަލިފާން ނިއްވައިލެވުނުއިރު ގޭގެ ފަށައިރާނައިފައިވާ ފާރުތަކަށްވެސްވަނީ ގެއްލުންވެފައެވެ.

ކައުންސިލުން ނިންމައިފައިވަނީ އެގޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެގޮތުން އެމީހުންއުޅޭނެ ތަނެއް ހަމަޖައްސައި ދިނުމާއި އެހެނިގެން އެހީތައް ފޯރުކޮށްދިނުމަށް ކައުންސިލުންވަނީ ނިންމައިފައެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 13:20 ގައި ކަމަށް ފުލުހުންވަނީ މައުލޫމާތު ދީފައެވެ. ފުލުހުން ގެންދަނީ މި ހާދިސާ ހިނގިގޮތް ތަހުގީ ކުރަމުންނެވެ.