English Edition
Dhivehi Edition

ހުކުރު ވިލޭ ރެއާއި ހުކުރު ދުވަހުގައި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔުން ގިނަ ކުރުމަށް އެކަލޭގެފާނު ވަނީ އުއްމަތަށް އިރުޝާދު ދެއްވާފައި! ( ބައްލަވާ سنن ابن ماجه : 1637)

ހުކުރު ދުވަހުގައި ހިނައިގަތުމަކީ ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެއް! (ބައްލަވާ صحيح البخاري : 895)

ހުކުރު ދުވަހުގައި ރީތިވެ ނަލަވުން މުސްތަޙައްބުވެގެންވޭ، އަދި ސިވާކު ކުރުމާއި ފޭރާމުގައްޔާއި ގައިގައި ހުވަނދުލުމަށް ބާރުއަޅުއްވާފައިވޭ! (ބައްލަވާ صحيح البخاري : 883 )

ކަހްފު ސޫރަތް ކިޔެވުން މުސްތަޙައްބުވެގެންވޭ! އެހެނީ ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށްޓަކައި، އަނެއް ހުކުރާ ޖެހެންދެން ނޫރެއްލެއްވޭނެކަމަށް މާތް ނަބިއްޔާ صلى الله عليه وسلم ވަނީ ބަޔާންކުރައްވާފައި! (ބައްލަވާ: السنن الكبرى للبيهقي : 5996)

ހުކުރު ނަމާދަށް ވީހާވެސް އަވަހަށް ދިޔުން މޮޅު އިތުރުވެގެންވޭ! އެހެނީ، ހުކުރު ދުވަހުގެ ފުރަތަމަ ބައިގައި ހާޒިރުވާ މީހަކީ، ޖަމަލެއް ޤުރުބާން ކުރި މީހެއްފަދަ މީހެއްކަމާއި، އަދި ދެވަނަ ބައިގައި ހާޒިރުވި މީހަކީ ގެރިއެއް ޤުރުބާން ކުރި މީހެއްފަދަކަމާއި، އެއަށްފަހު ބަކަރިއެއް، އެއަށްފަހު ކުކުޅެއް، އެއަށްފަހު ބިހެއްގެ މިންވަރު ޤުރުބާން ކުރި މީހެއްފަދަ ކަމަށާއި، އެގޮތުން އިމާމު ހާޒިރުވުމުން މަލާއިކަތްބޭކަލުންވެސް ޚުޠުބާ އަޑުއެހުމުގެ ގޮތުން އިށީނދެވަޑައިގަންނަވާނެކަމަށް މާތް ނަބިއްޔާ صلى الله عليه وسلم ވަނީ ޙަދީޘްފުޅު ކުރައްވާފައި! ( ބައްލަވާ صحيح البخاري: 881)

ހުކުރު ދުވަހު އިމާމު ހުކުރު ޚުޠުބާ ކިޔާއިރު ކަނުލާއަޑުއެހުމަށްވަނީ އަމުރުކުރެވިގެން! (ބައްލަވާ: صحيح البخاري : 934 )
• ހުކުރު ނަމާދަށް ހާޒިރުވާ މީހާ މިސްކިތުގައި އިށީނުމުގެ ކުރިން މަސްޖިދުސުންނަތުގެ ދެރަކުޢަތް ނަމާދު އަދާކުރަންވާނެ! އެހެނީ، މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އެކަލޭގެފާނު ޚުޠުބާ ވިދާޅުވަނިކޮށް ހާޒިރުވެ މިސްކިތުގައި އިށީން މީހަކަށް، ތެދުވެ ދެރަކުޢަތް ނަމާދު އަދާކުރުމަށް އަމުރުފުޅު ކުރައްވާފައި! (ބައްލަވާ: صحيح البخاري: 931)

ހުކުރު ނަމާދަށް ހާޒިރުވާ މީހާ، ކުރިން ހާޒިރުވެފައިވާ މީސްތަކުން ދުރަށް ޖައްސައި، ދޭދޭ މީހުން ދުރުކޮށް ޖާގަ ހޯދަން މަސައްކަތް ނުކުރުމަށް މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އަމުރުކުރައްވާފައި! (ބައްލަވާ صحيح البخاري: 910)

މައުލޫމާތު: ދިސަލަފިއްޔާ