English Edition
Dhivehi Edition

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން އިންޑިއާ މާކެޓުގައި ދިވެހިރާއްޖެ އިތުރަށް އިޝްތިހާރު ކުރުމަށް ރޭޑިއޯ މާކެޓިންގ ކެމްޕޭނެއް ފަށައިފިއެވެ.

މިއަހަރުގެ އޭޕްރީލް އަދި މެއި މަހު ކުރިއަށްދާ މި ކެމްޕޭނުގެ މަގުސަދަކީ އިންޑިއާ މާކެެޓުގައި ދިވެހިރާއްޖޭގެ ބްރޭންޑް އިތުރަށް ހަރުދަނާކޮށް އިޝްތިހާރުކުރުމެވެ. އަދި ދުނިޔޭގެ އެންމެ ދުވަސްވީ އެއް މާކެޓިންގ ޕްލެޓްޕޯމްކަމަށްވާ ރޭޑިއޯ މެދުވެރިކޮށް ދިވެހިރާއްޖެގެ ޑެސްޓިނޭޝަން ޕްރެޒެންސް ދެމެހެއްޓުމެވެ.

މި ކެމްޕޭން ކުރިއަށްދަނީ ދެ މަރުހަލާއަކަށް ބަހާލައިގެން، 10 ސިޓީއަކަށް ޓާގެޓްކޮށްގެންނެވެ. ފުރަތަމަ މަރުހަލާގައި ހިމެނެނީ ހައިދަރުއާބާދު، ބެންގަލޫރު، ޗެންނާއީ، ކޮޗިން، އަދި ޓްރިވެންޑްރަމްއެވެ. ދެވަނަ މަރުހަލާގައި ހިމެނެނީ ދިއްލީ، މުމްބާއީ، އަހުމަދުއާބާދު، ޗަންދީގަރު އަދި އަމްރިތުސާރު އެވެ.

މި ކެމްޕެއިން ކުރިއަށް ގެންދާނީ ރޭޑިއޯ މިރްޗީ، ރެޑް އެފްއެމް، ސޫރިޔާ އެފްއެމް، ރޭޑިއޯ މެންގޯ އަދި މައި އެފްއެމް ފަދަ ބޮޑެތި ރޭޑިއޯ ސްޓޭޝަންތަކުންނެވެ. މި ކެމްޕޭން 18-50 އަހަރާ ދެމެދުގެ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާއިރު، އޭގެ ތެރޭގައި އިންޑިޕެންޑެންޓް ދަތުރުވެރިންނާއި، ޓްރެވަލް ޓްރޭޑް ސްޓޭކްހޯލްޑަރުން ފަދަ ފަރާތްތައް ހިމެނެއެވެ.

މި ކެމްޕެއިންގެ ތެރޭގައި ހާއްސަ ރެފްލްއެއް ކުރިއަށް ގެންދިޔުމަށް ވަނީ ރޭވިފައެވެ. މި ރެފްލްގައި ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ދިވެހިރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ރެފްލް ސްޕޮންސަރ ކޮށްފައިވަނީ މެދުފުށި އައިލެންޑް ރިސޯޓާއި އަދާރަން ޕްރެސްޓިޖް ވާދޫ އާއި ރިއު ހޮޓެލްސް އެންޑް ރިސޯޓްސް އިންނެވެ.

މި ކެމްޕޭނަކީ އިންޑިއާގެ މާކެޓަށް އެމްއެމްޕީއާރުސީއިން ގެންގުޅޭ މާކެޓިންގ ސްޓްރެޓެޖީގެ ދަށުން ކުރިއަށް ގެންދާ ކެމްޕޭނެކެވެ. މި ސްޓްރެޓެޖީގެ ދަށުން އިންޑިއާގެ ބޮޑެތި ހުރިހާ ސިޓީތަކެއްގައި ދިވެހިރާއްޖޭގެ ބްރޭންޑް ހަރުދަނާ ކުރުމަށް ކެމްޕޭންތައް ހިންގުމާއި ދިވެހިރާއްޖެއިން ލިބެން ހުންނަ އަގުހެޔޮ ޗުއްޓީ އޮޕްޝަންތައް އިޝްތިހާރުކުރުމާއި ހަނީމޫން ކުރާ މީހުންނާއި އާއިލީ ޗުއްޓީތަކަށް ދަތުރު ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކެމްޕޭންތައް ކުރިއަށްގެންދިޔުމެވެ.

2022 ވަނަ އަހަރު އިންޑިއާއިން 241،369 (%14.4 މާކެޓް ޝެއަރ) ފަތުރުވެރިން ދިވެހިރާއްޖެއަަށް ޒިޔާރަތްކޮށްފައިވާއިރު އިންޑިއާ ވެގެންދިޔައީ މިދިޔަ އަހަރު ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މާކެޓަށެވެ. 5 މާރިޗް 2023 ގެ ނިޔަލަށް އިންޑިއާއިން 41،054 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތް ކޮށް، މިވަގުތު އިންޑިއާ އަކީ މި އަހަރު ރާއްޖެއަށް 2 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މާކެޓެވެ. އެމްއެމްޕީއާރުސީއިން އަންނަނީ ދިވެހިރާއްޖޭގެ ބްރޭންޑް އިންޑީއާގެ ފަތުރުވެރިންގެ މެދުގައި ދެމެހެއްޓުމަށްޓަކައި މި މާކެޓަށް އަމާޒުކޮށްގެން އިޝްތިހާރުކުރުމުގެ ގިނަ ކެމްޕެއިންތައް ބާއްވަމުންނެވެ.

މީގެ ތެރޭގައި ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ކެމްޕޭންތަކާއި ބޮޑެތި ފެއަރތަކުގައި ބައިވެރިވުމާއި މީޑިއާ އިންޓަވިއުތައް ދިނުން، އައުޓްޑޯ އިޝްތިހާރު ކުރުމުގެ ކެމްޕޭންތައް، އަދި ފެމިލިއަރައިޒޭޝަން ދަތުރުތައް ހިމެނެއެވެ. 2023 ވަނަ އަހަރުވެސް މިފަދަ ގިނަ ހަރަކާތްތަކެއް މި މާކެޓަށް އަމާޒުކޮށްގެން ބޭއްވުމަށް ވަނީ ރާވާފައެވެ.