މިއަހަރުގެ އެޕްރީލް މަހު މީރާއަށް 1.86 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތުދީފިއެވެ.
މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %13.2 ގިނަ އަދަދެއް ކަމަށެވެ.
އެހެންނަމަވެސް، މިއީ އެޕްރީލް މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %11.2 ދަށް އަދަދެއް ކަމަށް ބުނެއެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، އެޕްރީލް 2022 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، އެޕްރީލް 2023 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީ، އާމްދަނީން ނަގާ ޓެކްސް، ރިޒޯޓުތަކުގެ ކުލި އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.
މިގޮތުން، ޖީ.އެސް.ޓީގެ ރޭޓަށް ގެނެސްފައިވާ ބަދަލާ ގުޅިގެން، ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައި ކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި، މާރިޗު 2022 އާއި އަޅައިބަލާއިރު، މާރިޗު 2023 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 15.1% އިތުރުވެފައިވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.
އެޕްރީލް 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ދަށުން އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، ރިޒޯޓުތަކުގެ ކުލި އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އެޕްރީލް މަހު ލިބޭނޭ ކަމަށް އަންދާޒާކުރި ވަރަށްވުރެ ދަށްވުން ކަމުގައި މީރާއިން މައުލޫމާތުދެއެވެ.
މީގެ ސަބަބަކީ، ޖީ.އެސް.ޓީ، ރިޒޯޓުތަކުގެ ކުލި އަދި އެއަރޕޯޓް ޓެކުހާއި ފީގެ ސުންގަޑިތަކަށް ބައެއް ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކައިފައި ނުވުން ކަމުގައި މީރާއިން ފާހަގަކުރެއެވެ. އަދި، 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޒޯޓުތަކުގެ ކުލި ދެއްކުމުގެ ސުންގަޑި 2 އޭޕްރީލް 2023 އަށް ފަސްކުރި ނަމަވެސް، ގިނަ ޓެކްސް ދައްކާ ފަރާތްތަކުން މި ފީ 31 މާރިޗު 2023 ގެ ކުރިން ދައްކައިފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ.
އެޕްރީލް 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީންނެވެ. އެއީ 1.20 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 176.67 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި 116.49 މިލިއަން ރުފިޔާ އާއި ގްރީން ޓެކްސްގެ ގޮތުގައި 94.92 މިލިއަން ރުފިޔާއާއި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 75.14 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 196.56 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެޕްރީލް 2023 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 77.35 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ.