ސެޕްޓެމްބަރު 2023 ގައި މީރާއަށް 1.18 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.
މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %15.8 ދަށް އަދަދެއް ކަމަށާއި ސެޕްޓެމްބަރު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ވެސް %19.4 ދަށް އަދަދެއް ކަމަށެވެ.
ސެޕްޓެމްބަރު 2022 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، ސެޕްޓެމްބަރު 2023 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ލޭންޑް ރެންޓް، ޖީ.އެސް.ޓީ، ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް އަދި ކޯޕަރޭޓް ޢިންކަމް ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވުން ކަމަށް މީރާ އިން ބުނެއެވެ.
މީގެ ސަބަބަކީ، ގްރީން ޓެކްސް އަދި ޖީ.އެސް.ޓީގެ ފައިސާ ދެއްކުމުގެ ސުންގަޑި ހަމަވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސުމުގެ ސަބަބުން، މި ސުންގަޑި އޮކްޓޫބަރު 2023 ގެ ފުރަތަމަ ހަފްތާއަށް ފަސްވުން ކަމަށް ވެސް ބުނެއެވެ.
މި ކަމުގެ ސަބަބުން، އެއަރޕޯޓް ޓެކުހާއި ފީ، ޖީ.އެސް.ޓީ އަދި ގްރީން ޓެކްސްގެ ސުންގަޑި ވެސް އޮކްޓޫބަރު 2023 ގެ ފުރަތަމަ ހަފްތާއަށް ފަސްވުމުގެ ސަބަބުން ސެޕްޓެމްބަރު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީ ވެސް ދަށްވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.
ސެޕްޓެމްބަރު 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 523.05 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 232.29 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން އިންކަމް ޓެކުހުގެ ގޮތުގައި 136.80 މިލިއަން ރުފިޔާ އާއި އެއަރޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 71.19 މިލިއަން ރުފިޔާ އާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި 67.73 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 152.42 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ސެޕްޓެމްބަރު 2023 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 49.62 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.