English Edition
Dhivehi Edition
މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރ - ފޮޓޯ: ގޫގުލް މެޕްސް (ޙުސައިން ޢާޒިމް)

ޖުލައި 2023 ގައި މީރާއަށް 3.53 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތުދީފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %32.5 އިތުރު އަދަދެކެވެ. އަދި، ޖުލައި 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %10.6 ގިނަ އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޖުލައި 2022 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު, ޖުލައި 2023 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް އަދި ފަރުދުންގެ އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

މީގެ ސަބަބަކީ، 2022 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ބަޔާން ހުށަހަޅައި ފައިސާދެއްކުމުގެ ސުންގަޑި އަދި 2023 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގެ ޓުރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކަށް ދިމާވުމުގެ ސަބަބުން، ސުންގަޑީގެ ތާރީޚު ޖުލައި 2023 އަށް ފަސްވެފައިވާތީކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން، ޖޫން 2022 އާއި އަޅައިބަލާއިރު، ޖޫން 2023 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 8.5% އިތުރުވެފައިވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

ޖުލައި 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް އަދި ފަރުދުންގެ އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ ލިބިފައިވާ އާމްދަނީ އިތުރުވެފައިވުންކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން 2022 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ބަޔާން ހުށަހަޅައި ފައިސާދެއްކުމުގެ ސުންގަޑި އަދި 2023 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓެރިމް ބަޔާން ހުހަޅައި ފައިސާދެއްކުމުގެ ސުންގަޑި 2023 ވަނަ އަހަރުގެ ޖުލައި މަހަށް ފަސްކޮށްފައިވުމާއެކު، އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

ޖުލައި 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 1.85 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. އެއީ 1.22 ބިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 155.68 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 91.02 މިލިއަން ރުފިޔާ, އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 61.92 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 161.41 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީރާ އިން ބުނީ ޖުލައި 2023 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 104.57 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށެވެ.