English Edition
Dhivehi Edition

އައްޑޫސިޓީގެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވަވާ ކަމަށް އަބަދުވެސް އަޑުއިވެއެވެ. އައްޑޫގައި ހުރި ހަމައެކަނި ސަރަހައްދީ ހޮސްޕިޓަލަކީ މިތަން ކަމަށް ވާއިރު އައްޑޫގެ ހުރިހާ ރައްޔިތުންތަކެއް ހެން ބަރޯސާ ވާ ސިއްހީ ޚިދުމަތް ދޭ ތަނަކީ މިއީއެވެ. މިތަނުގައި ފެންވަރު ރަގަނޅު ޑޮކްޓަރުންނާއި ބަލިމީހުންނަށް ޚިދުމަތް ދިނުމަށް ޑޮކްޓަރުންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކޮށް މިތަނުގެ ފެންވަރު ރަނގަޅުވެގެން ދިއުމަކީ އައްޑޫގެ ރައްޔިތުންގެ އަބަދުގެ ވެސް އެދުމެވެ. ރައްޔިތުން ބޭނުންވާ ފެންވަރަށް ޚިދުމަތް ނުދެވޭ ފަހަރުތަކުގައި ހޮސްޕިޓަލާ ގުޅިގެން އަންނަ ޝަކުވާތައް މަދެއް ނޫނެވެ. ހޮސްޕިޓަލުގެ މެނޭޖްމަންޓުން މިފަދަ ޝަކުވާތައް ކަމާ ބެހޭ މުވައްސަސާތަކާ ހަމައަށް ގެންގޮސްދޭނެ ކަމުގެ އުއްމީދު ރައްޔިތުން ކުރެއެވެ. އާބާދީ ބޮޑު އަދި ސިޓީގެ ދަރަޖަ ދެވިފައިވާ މިތަނުން އެކަށީގެންވާ ސިއްޙީ ޚިދުމަތް ނުލިބި ކިރިޔާ ކަމެއް ވާއިރަށް މާލެ ނުވަތަ ރާއްޖެއިން ބޭރަށް ފުރައިގެން ދާން ޖެހުމަކީ ރައްޔިތުން ކަންބޮޑުވާ މައްސަލައެކެވެ.

ކުރިއާ އަޅާ ބަލާއިރު ހެލްތު ސެކްޓަރ އިން މިއަދު މިވަނީ ރައްޔިތުންނަށް ލުއިފަސޭހަތަކެއް ހޯއްދަވާ ދެއްވަވާފައެވެ. ކޮންމެ ބައްޔަކަށް ޚާއްޞަ ސްޕެޝަލިސްޓުން ހޮސްޕިޓަލަށް ހަމަކޮށްދެއްވާފައިވެއެވެ. ކިޑްނީގެ ބަލި މީހުންނަށް ރަށުގައި ތިބެގެން ޑައެލެސިސް ހެދޭނެ މަގު ފަހިކޮށްދެއްވަވާފައި ވެއެވެ. މިކަންކަން ސަރުކާރުން ބޭނުން ވާފެންވަރަށް ކުރިއަށް ގެންދެވި މި ޚިދުމަތް މެދު ނުކެނޑި ރައްޔިތުންނަށް ދެވޭތޯ މޮނިޓަރ ކޮށް ބަލަހައްޓަން ޖެހެނީ ހޮސްޕިޓަލުގެ މެނޭޖްމަންޓުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

“ރަނގަޅު ޑޮކްޓަރުން އެބަތިބި. ގިނަ ބަލިތަކަށް ސްޕެޝަލިސްޓުން އެބަތިބި. އެކަމަކު އެތަނުން ޑޮކްޓަރަކު ހޮސްޕިޓަލް ދޫކޮށް ދާތާ ގިނަ ދުވަސްތަކެއް ވާއިރުވެސް އެޑޮކްޓަރުގެ ބަދަލުގައި އާ ޑޮކްޓަރެއް ނުލިބި އެބަދޭ. ގައިމު ޑޮކްޓަރުން ފުރައިގެން މިތަނުން ދާނީ ހަމަ ޓަސްލާފައެއްނޫން. ކުރީބައިގައި އޮންނާނީ އަންގާފައި. މިހާރުވެސް މިތަނުގައި ނަފްސާނީ ޑޮކްޓަރަކު ނެތްތާ ގިނަ ދުވަސްތަކެއް ވެއްޖެ. ގަވައިދުން ނަފްސާނީ ޑޮކްޓަރަށް ދައްކަމުން ފަރުވާ ހޯދަމުން ދާ މީހުން ދެން މިޖެހެނީ އަނެއްކާ ވެސް ފުރަފުރައިގެންދާން” ހިތަދޫގެ ރައްޔިތަކު އޭނާގެ ޝުއޫރު ހާމަކޮށް ކިޔައިދިނެވެ.

ޑޮކްޓަރުން މަދުވާ ފަހަރުތަކުގައި ރިޕްލޭސްމަންޓު އައުން ލަސްވުމުގެ އިތުރުން ގިނަ ބައެއްގެ އެންމެ ބޮޑު ޝަކުވާ އަކީ ޑޮކްޓަރުން ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައްވެސް ހޮސްޕިޓަލުގައި ނެތްކަމެވެ.

ލޮލުގެ ޚާއްޞަ ޑޮކްޓަރަކު އެޗްއާރުއެޗްގައި ހުރި ނަމަވެސް ބަލިމީހުންނަށް ފަރުވާދިނުމަށް ޑޮކްޓަރު ކުރާނެ މާކަގިނަ ކަމެއް ނެތްކަމަށް ފަރުވާހޯދަން ދާ މީހުން ބުނެއެވެ. ޑޮކްޓަރު ބޭނުންކުރާނެ ސާމާނުތައް ނެތި ލޮލުގެ ބަލިތަކަށް ޚާއްޞަ ފަރުވާ ދޭ ކޮޓަރިއަކާއެކު ޝެޑިއުލް ޑިއުޓީއެއް ދިންނަމަވެސް އެ ޑޮކްޓަރަށް ރަނގަޅަށް ފަރުވާ ދެވޭނެ ގޮތާމެދު ގިނަބަޔަކު ސުވާލު އުފެދެއެވެ.

އައްޑޫގައި ހުރި ހަމައެކަނި ކަރުންމަތީގެ ޚާއްޞަ ޑޮކްޓަރަކީ ވެސް އައްޑޫއަށް ނިސްބަތްވާ އަންހެން ބޭފުޅެކެވެ. އަމިއްލަ ކުލިނިކެއްވެސް ހިންގަވަމުން ގެންދަވާ މި ޑޮކްޓަރަށް ވެސް ހޮސްޕިޓަލުގައި ބަލިމީހުންނަށް ދެވޭނެ މާބޮޑު ފަރުވާއެއް ނެތެވެ. ކިރިޔާ ކަމެއް ވާއިރަށް ކުލިނިކަށް އަންނަން ޑޮކްޓަރަށް ރިކުއެސްޓު ކުރެވޭ ސަބަބަކީ މިއީއެވެ. އީއެންޓީއެއްގެ ރޫމުގައި ހުންނަން ޖެހޭ ތަކެއްޗެއް ހޮސްޕިޓަލުގެ އީއެންޓީގެ ރޫމުން ނުފެނެއެވެ. މިއީ މީގެ 3 އަހަރު ކުރިއްސުރެ ޝަކުވާ ކުރެވޭ ކަމެކެވެ. އަދިވެސް ހައްލެއް ނާދެއެވެ. އެންމެ ކުޑަމިނުން ރަނގަޅު ލައިޓެއްވެސް އެ ރޫމުގައި ނުހުރެއެވެ. ކުޑަކުޑަ އާދައިގެ ޓޯޗް ބައްތިއެއް އެ ކޮޓަރީގައި ބޭއްވުމަކީ ހޯދައިދެވޭ ހައްލެއް ނޫނެވެ. މިހާލުގައި ޑޮކްޓަރު ކިތަންމެ މޮޅުވިނަމަވެސް ކުރެވޭނެ ކަމެއް ނޯވެއެވެ. ދެން އޮތް ގޮތަކީ ޑޮކްޓަރުގެ ކްލިނިކަށް ދިއުމެވެ. އައްޑޫގައި ހިންގާ ސިއްޙީ ޚިދުމަތްދޭ ތަންތަނުން އާސަންދައިގެ ޚިދުމަތް ލިބެމުން ދިޔަ ނަމަވެސް އެކުލިނިކުން އެ ޚިދުމަތެއް ވެސް ނުދެވެއެވެ. އާސަންދަ އޮވެމެ، ހޮސްޕިޓަލްގައި އީއެންޓީގެ ޚިދުމަތް ދެވެން ހުރެމެ ރައްޔިތުންނަށް މިޖެހެނީ ފަރުވާ ހޯދުމަށް އަތުން ޚަރަދުކުރާށެވެ. ރަނގަޅު ފަރުވާ ލިބޭނެ ކަމުގެ އުއްމީދުގައި ހޮސްޕިޓަލަށް ބަލިމީހާ ދާއިރު ސާމާނު ނެތި މާޔޫސްވެފައިވާ ޑޮކްޓަރުންތަކަކާއި ސްޓާފުންތަކަކާއި ކުރިމަތިލާން ޖެހުމަކީ ބަލިމީހާ އަދި މާބޮޑަށް މާޔޫސްވާނެ ކަމެއްކަން ޔަގީނެވެ.

ހޮސްޕިޓަލުގެ މެނޭޖްމަންޓުން ވެސް މިކަމަށް އެއްބަހެވެ. އެޗްއާރުއެޗް ހިންގެވުމާ ހަވާލުވެ ހުންނެވި ސީނިއަރ ކޮމިޔުނިޓީ ހެލްތު އޮފިސަރ، ނަޖީބު ވިދާޅުވީ އީއެންޓީގެ ފަރުވާ ދެއްވުމަށް ބޭނުންވާ ޓޫލްސްތައް ހޮސްޕިޓަލުގައި މަދުކަން އެއީ ގަބޫލުކުރައްވަވާ ހަގީގަތެއް ކަމަށެވެ. މި ޙަގީގަތް ގަބޫލު ކުރައްވަވާނަމަ އެކަމަށް މަސައްކަތް ކޮށްދެއްވުމަކީ މެނޭޖްމަންޓުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަން ޔަގީނެވެ. ރައްޔިތުންގެ ޙައްގުގައި މިނިސްޓްރީއަށް ދަންނަވާ ކަމާބެހޭ ބޭފުޅުން ޒިންމާދާރު ކުރުވުމަކީ މެނޭޖްމަންޓެއް އޮތުމުގެ އެންމެ މުހިއްމު ބޭނުމެވެ.

ރައްޔިތުންގެ މިހާރުގެ އުއްމީދުތައް ގުޅިފައިވަނީ އައްޑޫގައި އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ ޓާޝަރީހޮސްޕިޓަލާއެވެ. މި ހޮސްޕިޓަލުގައި މޮޅު ޑޮކްޓަރުންނާއެކު ޒަމާނީ ވަސީލަތްތައް ގާއިމުކޮށްދެއްވަވާނެ ކަމަށް ސަރުކާރުން ވަނީ ވައުދުވެލައްވަވާފައެވެ. އައްޑޫގެ ރައްޔިތުން ތިބީ މިފަދަ ހޮސްޕިޓަލެއް ހުޅުވި ޚިދުމަތް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ!