English Edition
Dhivehi Edition
ހުޅުުމީދޫ ނަރުދަމާ ހޮޅި ބިންދައިގެން ގޮސް ނަޖިސް ބޭރުވަނީ- ފޮޓޯ: ވަގުތު އިމޭޖްސް

އައްޑޫ ސިޓީ ހުޅުމީދޫ ނަރުދަމާ ނިޒާމްގެ އައުޓްފޯލް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މަސައްކަތަށް އަލުން އިޢުލާންކޮށްފައި މިވަނީ ހުޅުމީދޫ ނަރުދަމާ ނިޒާމްގެ އައުޓްފޯލް މަރާމާތު ކުރުމުގެ އެންމެހާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާނަށް ފުރިހަމަ ތަރުހީބު ލިބިފައިނުވާތީ ކަމަށެވެ.

އެގޮތުން މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމުގެ ފުރުޞަތު މިއަދުން ފެށިގެން 18 މޭ 2023ގެ ނިޔަލަށް، ކޮންމެ ދުވަހަކު 08:00 އިން 15:00 އަށް ވަނީ ހުޅުވާލައިފައެވެ. އީމެއިލްގެ ޒަރިއްޔާއިން މިކަމާ ގުޅޭ މަޢުލޫމާތު ސާފުކުރެވޭނީ 16 މޭ 2023ގެ 15:00ގެ ނިޔަލަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 18 މޭ 2023ގެ 13:00 ގައެވެ.

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް އިޢުލާން ނަންބަރާއި، ކުންފުނީގެ ނަމާއި، އެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރާއެކު [email protected] އަށް އީމެއިލްކުރުމަށް ފެނަކައިން ވަނީ އެދިފައެވެ. އަދި އެގޮތުގެ މަތިން ފޮނުވާ އީމެއިލް ތަކަށް “ރެޖިސްޓްރޭޝަން ކޮންފޮމޭޝަން” އެއްގެ ގޮތުން އެ ކުންފުނިން އީމެލް ކުރާނެ ކަމަށްވެސް އިޢުލާންގައި ބުނެފައިވެއެވެ.

ފެނަކައިން އިތުރަށް ބުނެފައިވަނީ ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވާ ކަމަށެވެ.