ރާއްޖޭގެ މީޑިއާގައި މަސައްކަތްކުރާ ސީނިއަރ ޖާނަލިސްޓުންގެ ވަފްދެއް ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި އިންޑިއާއަށް ފުރައިފިއެވެ. ފެމިލިއަރައިޒޭޝަން ވިޒިޓް ފޯ މޯލްޑިވްސްގެ ނަމުގައި އިންޑިއާގެ ނިއު ދިއްލީ، ހައިދަރްއާބާދު، އަދި އާގްރާ އަށް ކުރަން ރާވާފައިވާ މި ދަތުރުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ބޮޑެތި މީޑިއާ ތަކުން 17 ނޫސްވެރިއަކު ބައިވެރިވެއެވެ.
މެއި 6 ވަނަ ދުވަހު މި ދަތުރުގެ ބައިވެރިން ދިއްލީއަށް ފުރީ މާލެ-ކޮލޮންބޯ-ދިއްލީ ރޫޓުން، ސްރީލަންކަން އެއަރލައިންސްގައެވެ.
ނޫސްވެރިންނަށް އިތުރު މަޢުލޫމާތާއި ތަޖުރިބާ ފޯރުކޮށްދީ، އަވަށްޓެރި އިންޑިއާގެ މާޙައުލު ދެނެގަނެ ހޭލުންތެރި ކުރުވުމުގެ ގޮތުން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި އެޤައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ ގެ ސީނިއަރ އޮފިސަރުންނާ ބައްދަލުކުރުމާއި، ޓްރޭޑް އެންޑް ކޮމަރސް އެސޯސިއޭޝަންތަކާ ބައްދަލުކުރުމުގެ އިތުރުން ، މިއަހަރުގެ ސެޕްޓެމްބަރ މަހު އިންޑިއާގައި ބާއްވާ ބައިނަލްއަގުވާމީ ޖީ20 ނުވަތަ ވޮއިސް އޮފް ގްލޯބަލް ސަމިޓާއި ގުޅޭ މަޢުލޫމާތު ޙިއްސާ ކުރުން ހިމެނެއެވެ. މީގެ އިތުރުން މީޑިއާ، މޫސުމަށް އަންނަ ބަދަލުތަކާއި، އިޢާދަކުރަނިވި ހަކަތައާއި، ހެޔޮވެރިކަމާއި، މެރިޓައިމް ސެކިއުރިޓީއާއި، އެކުއަކަލްޗަރ އާއި ފިޝަރީޒް ރިސަރޗްގެ އިތުރުން އައިޓީ، ސްޓާޓްއަޕްސް އަދި މެޑިސިން ރިސަރޗާއި، ތަޢުލީމީ މުއައްސަސާތައް ފަދަ އެކިއެކި މުއައްސަސާތަކާ އެކު މުޢާމަލާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާ ހައިކޮމިޝަންގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ނިއުދިއްލީގެ އާޘާރުތަކާއި ތާރީޚީ ތަންތަން ބަލާލުން ހިމެނެއެވެ. އޭގެތެރޭގައި ކުތުބު މިނާރާއި ، އާގްރާ ގެ ތާޖް މަހަލް ބަލާލުމުގެ އިތުރަށް ހައިދަރުއާބާދު ގެ ޗާމިނާރު އަދި ގޯލްކޮންޑާ ކިއްލާ ފަދަ ތަންތަނަށް ބައިވެރިން ޒިޔާރަތް ކުރާނެއެވެ. ދަތުރު ނިންމާލުމަށްފަހު ނޫސްވެރިން އެނބުރި މާލެ އައުމަށް ހަމަ ޖެހިފައިވަނީ މެއި މަހުގެ 13 ވަނަދުވަހު ހައިދަރްއާބާދު ދިއްލީ މާލެ ރޫޓުން އިންޑިގޯގައެވެ.
މި ދަތުރާ ގުޅިގެން ޝާއިޢުކުރާ ލިޔުންތައް ރާއްޖޭގެ މާކެޓުގެ ގިނަ ބަޔަކަށް ފޯރާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ދެކެއެވެ. މީގެ އިތުރުން، އިންޑިއާގެ އެންމެފަހުގެ ޓްރެވަލް ގައިޑްލައިންތަކާއި، އިންޑިއާއިން ކުރެވެންހުރި ތަފާތު ތަޖުރިބާތަކުގެ މައުލޫމާތު ނޫސްވެރިންގެ ޓީމާއި ޙިއްސާ ކުރުމަށް ހަމަޖެހިފައިވެއެވެ. މިދަތުރުގެ ސަބަބުން ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮންނަ ގުޅުން ވަރުގަދަވެ ދެޤައުމުގެ ދެމެދުގައި ސައްޙަ މަޢުލޫމާތު ބަދަލުކުރެވި ގެންދާނެ ކަމަށް ހައިކޮމިޝަނުން ދެކެއެވެ. އިންޑިއާ އަކީ މިވަގުތުވެސް ރާއްޖޭގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއްގައި ޙަރަކާތްތެރިވަމުންދާ ގިނަ ކުންފުނިތަކެއް ހިމެނޭ ޤައުމަކަށްވެފައި ދިވެހި ނޫސްވެރިންނަށް އިންޑިއާގެ ވިޔަފާރި އާއި އިޤްތިޞާދާއި އެހެނިހެން ކަންކަން ހިނގާނުހިނގާ ގޮތް އެނގިގެން ދިއުމަކީ މުހިންމު ކަމެކެވެ.