English Edition
Dhivehi Edition

ސައުދީ ޕްރޮފެޝަނަލް ލީގުގައި އަލް ޚަލީޖް އާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެ، އެއްވަނާގައި އޮތް އަލް އިއްތިހާދާއި ޕޮއިންޓުގެ ގޮތުން އަރާ ހަމަކުރަން ލިބުނު ފުރުސަތު އަލް ނަޞްރުން ނަގާލައިފިއެވެ.

މިރޭގެ މެޗުން މޮޅުވެގެން ތާވަލްގެ އެއްވަނާގައި އޮތް އަލް އިއްތިހާދާއި ޕޮއިންޓުގެ ގޮތުން އަރާ ހަމަ ކުރުމުގެ ފުރުސަތު އަލް ނަޞްރަށް އޮތެވެ. ނަމަވެސް މި މެޗު އެއްވަރުވުނުން އަނެއްކާވެސް މިރޭ އަލް އިއްތިހާދުން އަބްހާއާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ފަސްޕޮއިންޓަށް ފަރަގު ބޮޑުވެގެންދާނެއެވެ.

އަލް ނަޞްރުގެ ހޯމްގައި މިރޭ އަލް ޚަލީޖް އާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ.

މިރޭގެ މި ނަތީޖާއާއި އެކު އަލް ނަޞްރަށް 26 މެޗުން ލިބެނީ 57 ޕޮއިންޓެވެ. މިވަގުތު އެއްވަނާގައި އޮތް އަލް އިއްތިހާދު އަލް ނަޞްރަށްވުރެ އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 25 މެޗުން 59 ޕޮއިންޓެވެ. މިރޭގެ މެޗުން އެއްވަރުވި އަލް ޚަލީޖް އަށް 26 މެޗުން ލިބިފައވަނީ 24 ޕޮއިންޓެވެ.

މިރޭގެ މެޗުގައި ރަނގަޅަށް ކުޅެފައިވަނީ އަލް ނަޞްރުން ނަމަވެސް އެޓީމަށް ލަނޑުޖަހަން މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއްނުވެއެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ އަލް ޚަލީޖް އިންނެވެ. މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިން މި ލަނޑު ޖަހައިދިނީ ފަބިއޯ މާޓިންސްއެވެ. އަލް ނަޞްރުން ނަތީޖާ ހަމަހަމަކުރީ މެޗުގެ 17 ވަނަ މިނެޓިގައި އަލްވާރޯ ގޮންޒާލޭޒް ޖަހައިދިން ލަނޑުންނެވެ.

މެޗުގެ ފަހުހާފުގައި ނަތީޖާ އަނބުރާލަން އަލް ނަޞަރުން ކުރި މަސައްކަތް ހުއްޓުވީ އަލް ޚަލީޖްގެ ވަރުގަދަ ޑިފެންސްލައިނުންނެވެ. މެޗުގެ ފަހު ވަގުތު ގިނަ ހަމާލަތަކެއް އަލް ނަަޞްރުން އަލް ޚަލީޖްގެ ގޯލަށް ފޮނުވާލި ނަމަވެސް އެއްވެސް ހަމަލާއެއް ގޯލާއި އަމާޒުނުވެއެވެ. ފަހު ވަގުތު ރޮނާލްޑޯ ބޮލުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް ވެސް ވަނީ އަމާޒުވެފައެވެ.