English Edition
Dhivehi Edition

ހުއްދަ ނުހޯދައި ސައުދީ އަރަބިއާއަށް ދިޔަ މައްސަލައާއި ގުޅިގެން ދެ ހަފްތާއަށް ސަސްޕެންޑު ކުރި އާޖެންޓީ ފޯވަޑް ލިއޮނެލް މެސީ އަލުން އެނބުރި ޕީއެސްޖީގެ ފަރިތަކުރުންތަކަށް ނުކުނެއްޖެއެވެ.

ޕީއެސްޖީން ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް ފްރާންސްގެ މީޑިއާރިޕޯޓުތަކުން ބުނާގޮތުގައި މެސީ ޕީއެސްޖީގެ ފަރިތަކުރުންތަކަށް ނުކުމެފައި މިވަނީ ސަސަޕެންޝަނުގެ މުއްދަތު ހަމަނުވަނީހެވެ.

ސައުދީއަށް ކުރި ދަތުރުގެ މައްސަލާގައި ކުލަބުން ހިތްހަމަ ނުޖެހި މެސީއަށް ފިޔަވަޅު އެޅިއިރު، މެސީ ވަނީ ވީޑިއޯ މެދުވެރިކޮށް އިއްވި ބަޔާނުގައި އޭނާއަށް ކުރެވުނު ކަންތަކަށް ކުލަބުގެ ކިބައިން މާފަށް އެދިފައެވެ. އަދި މެސީ މާފަށް އެދުމުން އޭނާގެ ސަސްޕެންޝަން ލުއިކޮށްދީ ފަރިތަކުރުންތަކަށް ނެރުނީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަދި ލީގުގައި ޕީއެސްޖީ ދެން އެންމެ އަވަހަށް އަޖަސިއޯ އާއި ދެކޮޅަށް ކުޅޭ މެޗުގައި މެސީ ކުޅޭނެކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މެސީ މިއަދު ފަރިތަކުރުންތަކަށް ނުކުމެފައިވާއިރު، ޕީއެސްޖީން ވަނީ މެސީ ފަރިތަކުރުންތަކުގައި ވަނިކޮށް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އަދި މެސީ ފަރިތަކުރުންތަކަށް އެނބުރި އައިކަން ވަނީ ރަސްމީކޮށް އިއުލާނުވެސްކޮށްފައެވެ.