ދެކުނުގެ އަތޮޅުތަކުން ސިފައިންގެ ވަޒީފާއަށް މީހުން ހޯދަން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީ ހިތަދޫ އާއި އައްޑޫ ސިޓީ ހުޅުދޫ އަދި ގދ. ތިނަދޫގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެގޮތުން ފުވައްމުލަކާއި އައްޑޫ ސިޓީ ހިތަދޫގައި މައުލޫމާތު ދިނުމުގެ ސެޝަންތައް މިއަދު ހަވީރު 4:00 އިން 6:00 އަށް ބާއްވާނީ ފުވައްމުލައް ތައުލީމީ މަރުކަޒުގައި ކަމަށް ބުނެއެވެ. އަދި ހުޅުދޫ ފަޔަރ ސްޓޭޝަންގައި މާދަމާ ހަވީރު 4:00 އިން 6:00 އަށް ވެސް މިފަދަ ސެޝަންތައް ބާއްވާނެ ކަމަށް ބުނެއެވެ.
މީގެ އިތުރުން ތިނަދޫގައި ބާއްވާ ސެޝަން އޮންނާނީ އަންގާރަ ދުވަހު ހަވީރު 4:00 އިން 6:00 އަށް އަތޮޅު ތައުލީމީ މަރުކަޒުގައި ކަމަށާއި ހިތަދޫގައި ބާއްވާ ސެޝަން އޮންނާނީ މިއަދު ހަވީރު 4:00 އިން 6:00 އަށް ހިތަދޫ ހައި ސްކޫލްގައި ކަމަށް ވެސް ބުނެއެވެ.
ސިފައިންގެ ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުމާއި ސީޖީއީ އޯ ލެވެލް ފެންވަރު ނުވަތަ ވޮކޭޝަނަލް ސެޓްފިކެޓް އޮތުމާއި 18 އަހަރާއި 25 އަހަރާއި ދެމެދު އުމުރުފުރައިގެ މީހަކަށް ވުން ހިމެނެއެވެ. އަދި ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރުމާއެކު ފާއިތުވި ފަސް އަހަރު ކުށުގެ ރެކޯޑެއް ނެތުން ވެސް ހިމެނެއެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީ މެންބަރަކަށް ނުވުމާއި އިސްކޮޅު (ފިރިހެން – ފަސް ފޫޓު ފަސް އިންޗި) – (އަންހެން – ފަސް ފޫޓު ތިން އިންޗި) ހުރުން ވެސް ހިމެނެއެވެ.
ސިފައިންގެ ވަޒީފާއަށް އެދޭ ފޯމު ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުންނާއި އެމްއެންޑީއެފްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމާއެކު ޕޮލިސް ރިޕޯޓް ހުށަހަޅަން ޖެހެއެވެ.