މިދުވަސްކޮޅު ކުރަމުންދާ ވިއްސާރައިގައި އައްޑޫސިޓީގެ ގޭގެއާއި ގަސްގަހާ ގެއްސަށް ބޮޑެތި ގެއްލުން ވެފައިވާ ކަމަށް އައްޑޫސިޓީގެ މޭޔަރ ވިދާޅުވެއްޖެއެވެ. މިކަމާގުޅިގެން ފޭސްބުކު ޕޯސްޓެއްގައި މޭޔަރ ވިދާޅުވީ ރާއްޖޭގެ ބޮޑުބަޔަކަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީއަށް ވާރޭވެހި ފެންބޮޑުވެ ވަރައްގިނަ ގެތަކާއި މުދާތަކަށް ގެއްލުންވަމުން ދާކަމަށާއި ކައުންސިލްއާއި އެމް.އެން.ޑީ އެފް އަދި ފުލުހުންގުޅިގެން ގެއްލުންވާފަރާތް ތަކަށް އެހީތެރިވުމަށް މަސައްކަތް ކެރެވެމުން ދާކަމަށެވެ.
“މިވަގުތު ހުރިހާފަރާތް ތަކުން އިތުރަށް ސަމާލުވުމަށް ދަންނަވަން. އެހީތެރިކަން ހޯއްދެވުމަށް އަވަށުއޮފީސްތަކަށް ގުޅަމުންގެންދެވުމަށްވެސް ދަންނަވަން.” އައްޑޫސިޓީ މޭޔަރ ޢަލީ ނިޒާރު
ވިއްސާރައާއި ގުޅިގެން އައްޑޫގައި ކުރެވެމުންދާ މަސައްކަތްތަކަށް ބަލާއިރު، ފެންބޮޑުވެފައިވާ ސަރަޙައްދުތަކުން ފެން ހިންދުމަށްޓަކައި ފޭދޫ އަވަށު އޮފީހުގެމުވައްޒަފުންނާއި އެމް.އެން.ޑީ.އެފް، ޕޮލިސް އަދި ޢާއްމު ފަރާތްތަކުން ގުޅިގެން ވަނީ މަސައްކަތްތަކެއް ކުރެވިފައެވެ.
މެއި 4 އަދި 5 ގައި ކުރި ވިއްސާރައިގައި ހިތަދޫއަށް ވާރޭވެހި ފެންބޮޑުވެފައިވާ ސަރަޙައްދުތަކުން ފެން ހިންދުމަށްޓަކައި ސަދަން އޭރިއާ، ހިތަދޫ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއާއި ހިތަދޫ ފުލުހުންނާއި، ޕްރޮޖެކްޓް ސެކްޝަން، ޕަބްލިކް ވޯރކްސް ސަރވިސް، މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުންނާއި އަވަށު އޮފީހުގެ މުނިސިޕަލް ޓީމާއި މުވައްޒަފުން އަދި އާންމު ފަރާތްތަކުން ގުޅިގެން މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ހިތަދޫ އަވަށު އޮފީހުން ބުނެއެވެ.
މުޅިރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ލިބިދާނެ ގެއްލުން ކުޑަކުރުމަށްޓަކައި ރައްކާތެރިކަމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތައް ފަރުދީ ފެންވަރުގައިވެސް ކުރިއާލައި އެޅުމަށް ހިތަދޫ އޮފީހުންވަނީ އިލްތިމާސްކޮށްފައެވެ.
ހުޅުދޫއާއި މީދޫގެ ބައެއް ގެތަކަށްވެސް ވަނީ ވަރަށް ބޮޑެތި ގެއްލުން ލިބިފައި ކަމަށް އެރަށު އަވަށު އޮފީހުން މަޢުލޫމާތު ދެއެވެ. ފެންބޮޑުވެފައިވާ ސަރަޙައްދުތަކުން ފެން ހިންދުމަށްޓަކައި އަވަށު އޮފީހުގެ މުވައްޒަފުންނާއި، ޕަބްލިކް ވޯކްސް ހުޅުމީދޫ ޔުނިޓާއި، އާންމު ފަރާތްތަކުން ގުޅިގެން ކުރެވުނު މަސައްކަތުގެ ތެރެއިން ރަށުގެ އެކި ހިސާބު ތަކުން ކޯރު ކެނޑުމާއި، ވެލިބަސްދާ ޖެހުމާއި، އެކި ސަރަހައްދު ތަކުގައި ޕަމްޕް އަޅައިގެން ފެން ހިންދާފައިވެއެވެ. މި މަސައްކަތުގައި ޕަބްލިކް ވޯކްސް ހުޅުމީދޫ ޔުނިޓް، ހުޅުމީދޫ ފަޔަރ އެންޑް ރެސްކިއު ސަރވިސަސް އާއި ހުޅުމީދޫ ޕޮލިހާއި، ފެނަކަ ހުޅުމީދޫ ބްރާންޗް،އަދި ވެމްކޯ ހުޅުމީދޫ އާއި އަވަށު އޮފީހުގެ މުވައްޒަފުންނާއި އާންމު ފަރާތްތަކުން ގުޅިގެން އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށް ހުޅުމީދޫ އަވަށު އޮފީހުން ބުނެއެވެ.
ވިއްސާރައިގައި އެހީތެރިކަން ބޭނުންވާނަމަ އެކަން އެންގުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ އެދިފައެވެ. ފާއިތުވެދިޔަ ތިން ދުވަހު އައްޑުއަށް ކުރި ވިއްސާރައިގައި ހިތަދޫ އާއި ފޭދޫގެ ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ފޭދޫން 58 ގެއަކަށް ހިތަދޫން ހަތް ގެއަކަށް ވަރަށް ބޮޑަށް ގެއްލުން ލިބުނުއިރު، ފޭދޫގެ 128 ގެއަކަށް އަދި ހިތަދޫގެ 28 ގެއަކަށް ފެން ވަދެ ގެއްލުންތައް ލިބިފައި ވެއެވެ. އޭގެ އިތުރުން މަރަދޫން ފަސް ގެއަކަށް ފެން ވަދެފައިވެއެވެ. ހުޅުދޫގައި ހުންނަ ސ. އަތޮޅު މަދަރުސާ އަށް ވެސްވަނީ ފެން ވަދެފައެވެ.
އައްޑޫ ސިޓީ އަށް ކުރަމުންދާ ވިއްސާރާގައި ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފި pic.twitter.com/JXiuXTxy7e
— Maldives National Defence Force (@MNDF_Official) May 6, 2023
އައްޑޫގައި ޙަރަކާތްތެރިވާ ސިފައިންނާއި ފުލުހުން ވެސް ގެންދަވަނީ ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އައްޑޫ ސިޓީ އަށް ކުރަމުންދާ ވިއްސާރާގައި ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ވަނީ އެގޭގެ ފުރާޅު ރަނގަޅުކޮށް، ގެ ހިޔާ ކުރުމުގެ މަސައްކަތް ކޮށްދީފައެވެ.
ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ދެކުނުގެ އަތޮޅުތަކަށާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ.
މިއަދުވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާއި ބޭހޭ ގައުމީ އިދާރާއިން ވަނީ ލަފާ ކޮށްފައެވެ.އެގޮތުން މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ބޯކޮށްވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށާއި އެސަރަޙައްދަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިޖެހޭނެ ކަމަށް ލަފާ ކޮށްފައިވެއެވެ.