English Edition
Dhivehi Edition

ހުޅުމާލޭގައި ހިންގާ ވޯޓާ ސްޕޯޓްސް ތަންތަނުން ޓޭކްއަވޭ ޚިދުމަތް ދިނުމުގެ ހުއްދަ އަރބަންކޯއިން ދީފިއެވެ.

އަރބަންކޯއިން ބުނީ ހުޅުމާލެ އަރބަން އަދި ޒަމާނީ ތަނެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނައިރު، އެންމެ ބޮޑު އެއް އިސްކަމެއްދޭ ކަމަކީ ހުޅުމާލޭގައި މުޖުތަމައުގެ ބަދަހިކަން އިތުރުކޮށް، އާންމުންނަށް ހިތްފަސޭހަ އަދި ހިތްގައިމު މާހައުލެއް ބިނާކުރުމަށް ކަމަށެވެ. އަދި ހުޅުމާލޭގެ ބީޗު ސަރަހައްދުގައި އެ ކުންފުނީގެ ފަރާތުން ވާނީ އާންމުންގެ ހިންހަމަޖެހުމަށް އަދި އާންމުން ބޭނުންވާފަދަ އެކި ހަރަކާތްތައް ކުރިއަށްގެންދެވޭނެ މަގުފަހިކޮށްދީފައި ކަމަށެވެ.

އެގޮތުން އެންމެ މުހިންމު އެއް ކަމަކީ ހުޅުމާލެ ބީޗުގައި ވޯޓާ ސްޕޯޓްސް ގެ ޚިދުމަތް ދިނުމަށް ދޫކޮށްފައިވާ ތަންތަން ކަމަށް އެ ކުންފުނިން ބުނެއެވެ.

އަރބަންކޯއިން ބުނީ ވޯޓާ ސްޕޯޓްސް ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި މިހާރު އެ ކުންފުނިން އިތުރުކަމެއްވެސް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެތަންތަނުން އާންމުންނަށް ބޭނުންވާފަދަ ލުއިކާނާ ޓޭކްއަވޭގެ ގޮތުގައި ވިއްކުމުގެ ހުއްދަ މިހާރު ދީފައިވާނެ ކަމަށް ބުނެފައިވެއެވެ. މިފަދަ ވިޔަފާރިތަކަށް ބީޗު ސަރަހައްދުން ޖާގަ ދީފައިވީ ނަމަވެސް، މިކަންކަމަށް ހުއްދަ ދީފައިވާނީ ވަކި އުސޫލުތަކެއްގެ ދަށުން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ބީޗަކީ އާންމުން ބޭނުންކުރާނެ ޖާގަ ތަނަވަސް އަދި އަތޮޅުތެރޭގެ ރަށްރަށުން ވެސް ލިބޭ ފަދަ ދޮންވެލި ސާފު ބީޗެއްގެ ތަޖުރިބާ ލިބިދޭނެ ފަދަ ތަނަކަށް ހެދުމަށް އަރބަންކޯއިން މަސައްކަތްކުރަމުން އަންނައިރު، މިހާރު މިކަމުގައި އެ ކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބީޗު ސަރަހައްދުގައި ވިޔަފާރިތައް ހިންގަމުން އަންނަ ބައެއް ފަރާތްތަކުން މިކަމުގައި އޮންނަ އުސޫލުތަކާ ޚިލާފުވުން ކަމަށް ކުންފުނިން ބުނެފައިވެއެވެ.

އެގޮތުން ބީޗުގައި ގޮނޑި އާއި މޭޒު ބަހައްޓައި، ކެފޭ އުސޫލުން ޚިދުމަތް ދިނުމަކީ އެކަމުގައި އާންމުންގެ ކަންބޮޑުވުން އޮތްކަމެއްކަމަށާއި، އެފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ދަތިވުމާއި، ބީޗުގެ މާހައުލު ގެއްލޭކަމުގެ ޝަކުވާ މި ކުންފުންޏަށް އެކި ފަހަރުމަތިން ލިބިފައިވާ ކަމަށް ބުނެފައިވެއެވެ.

އަރބަންކޯއިން ވަނީ ކުންފުނީގެ ފަރާތުން ހަދާފައިވާ މިފަދަ އުސޫލުތަކަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުކަންދިނުމަށް އިލްތިމާސްކޮށްފައެވެ.