English Edition
Dhivehi Edition

ނޫސްވެރިކަމުގެ މިނިވަންކަމާއި ގުޅޭ ގޮތުން ހުރިހާ ދިވެހިން އެއްއަޑަކުން ވާހަކަ ދައްކަންޖެހޭ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް އަހުމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބާތުގައި ދެއްވި ޚިޠާބުގައެވެ.

މުސްތަފާ ވިދާޅުވީ ހަގީގަތާއި އެއްގޮތަށް ޚަބަރު ގެނެސްދޭ ނޫސްވެރިންނަށް އަމާޒުކުރާ ހަމަލާތަކާއި ފުރައްސާރަތައް ހުއްޓާލުމަށް ގޮވާލަންޖެހޭ ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ރޮނގުން ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތައް ދަމަހައްޓަންޖެހޭ ކަމަށެވެ. އަދި އެފަދަ ކޮންމެ ކާމިޔާބީއަކާއި ކުރިއެރުމެއްގެ އަސްލަކީ ޒިންމާދާރުކަމާއެކު ޚަބަރު ފެތުރުމުގައި ނޫސްވެރިން ތިބޭ ތިބުމާއި، ދިވެހިރާއްޖެއިން މިނިވަން ނޫސްވެރިކަމަށް ދޭ އަހަންމިއްޔަތުކަން ކަމުގައި މުސްތަފާ ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ވަކި ދުވަހެއް ކަނޑައެޅިގެން މިދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދަކީ ޤައުމުތަކުގެ މެދުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ދެނެގަތުމާއި، ނޫސްވެރިކަމާއި ނޫސްވެރިންގެ މިނިވަންކަމަށް ދެވޭ ހަމަލާތަކުން އެ ފަރާތްތައް ދިފާޢުކުރުން ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ނޫސްވެރިކަމުގެ މަސައްކަތުގައި މި ދުނިޔެއިން ވަކިވެފައިވާ ފަރާތްތަކުގެ ހަނދާން އާކުރުމަކީ ވެސް މިފަދަ ދުވަހެއް ފާހަގަކުރާ މަގްސަދުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ ނޫސްވެރިން ފަޚުރުވެރިކަމާއި ޝަރަފުވެރިކަމާއެކު، މުޅިން އާ ހިތްވަރަކާއެކު ނޫސްވެރިކަން އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި، ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ނޫސްވެރިންނާއި މީޑިއާގެ މަސައްކަތުގައި ދިމާވާ ކޮންމެ ގޮންޖެހުމެއް ކަޑައްތުކުރުމުގައްޔާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ކަށަވަރުކޮށްދިނުމުގައި، ނޫސްވެރިންނާއި މީޑިއާތަކާއެކު މޯލްޑިވްސް މީޑިއާ ކައުންސިލް އަބަދު ވެސް އޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާކަމަށެވެ.

1993 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ މެއި މަހުގެ 3 ވަނަ ދުވަސް ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި އަންނަނީ ފާހަގަކުރަމުންނެވެ.