English Edition
Dhivehi Edition

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވަޑް ލިއޮނަލް މެސީ ދެ ހަފްތާ އަށް ސަސްޕެންޑުރަން ނިންމާފައިވާ ކަމަށް ފްރާންސްގެ މީޑިއާ ތަކުގައި ރިޕޯޓުކޮށްފި އެވެ.

ޕީއެސްޖީން މެސީ ސަސްޕެންޑް ކުރަން ނިންމާފައިވަނީ ކުލަބުގެ ހުއްދަނެތި މެސީ އޭނާގެ އާއިލާއާއެކު ސައުދީ އަރަބިޔާ އަށް ދިޔުމުންނެވެ.

މެސީ ސައުދީއަށް ދިއުމުގެ ކުރިން އެކަމުގެ ހުއްދައަކަށް ކުލަބުގައި އެދުނު ނަމަވެސް އެންމެ ފަހުން ލީގުގައި ލޮރިއެންޓް އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން ހުއްދަ ނުދޭން ކުލަބުން ވަނީ ނިންމާފައެވެ.

ކުރިން އޮތީ އެ މެޗުން މޮޅެއް ނުވަތަ އެއްވަރުވި ނަމަވެސް ޖެހިގެން އަންނަ ދެ ދުވަހު ކުޅުންތެރިންނަށް އޮފެއް ދޭގޮތައް ނިންމާފައެވެ.

ނަމަވެސް ބައްޔާއެކު، ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ނިންމީ ފަރިތަކުރުން ކުރިއަށް ގެންދިޔުމަށެވެ. ނަމަވެސް އެ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވެފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އޭނާ ދިޔައީ ސައުދީ އަރަބިއާ އަށެވެ. ކުލަބުގެ ހުއްދަ ނެތި މެސީ ސައުދީ އަރަބިޔާ އަށް ދިޔަ މައްސަލައިގައި، ކުލަބާއި މެސީއާ ދެމެދު ވަނީ މައްސަލަ ޖެހިފަ އެވެ.

މިކަމާ ގުޅިގެން ޕީއެސްޖީން މިހާރު ނިންމާފައި ވަނީ މެސީ ދެ ހަފްތާގެ މުއްދަތަށް ސަސްޕެންޑު ކުރުމަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މެސީ ސައުދީ އަށް ދިޔަކަން އެ ޤައުމުގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ރަސްމީކޮށް އިއުލާން ކުރީ ހޯމަ ދުވަހު އެވެ. މެސީ އަކީ ސައުދީގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކަނޑަ އަޅާފައި ހުރި އެމްބެސެޑަރުކަމަށް ވާއިރު، އޭނާ ސައުދީއަށް ދިޔައީ އެ ގައުމުގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމުގެ މަސައްކަތެއްގައެވެ.