English Edition
Dhivehi Edition

މީގެ ދެ އަހަރު ކުރިން ސްޕެއިންގެ ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި އާޖެންޓީނާ ފޯވަޑް ލިއޮނެލް މެސީ އޭނާގެ މިހާރުގެ ކުލަބު ފްރާންސްގެ ޕީއެސްޖީގައި މަޑުކުރުމާއި މެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

މެސީ ބާސާ ދޫކޮށް ދާން ޖެހުނީ މާލީ ހާލަތު ތަން ނުދިނުމުން ކަމަށް ބުނެ އެ ކުލަބުން މެސީގެ އެއްބަސްވުން އައު ނުކޮށް ދިނުމުންނެވެ.

ކޮޕަ އެމެރިކާ މުބާރާތައް ފަހު މެސީ އެނބުރި ސްޕޭނަށް ދިޔައީ ބާސާގެ އާ އެއްބަސްވުމުގައި ސޮއިކުރަން ތައްޔާރުވެގެން ނަމަވެސް ކުލަބުގެ މާލީ ހާލަތު ހުރި ގޮތުން މެސީގެ އެއްބަސްވުން ރަޖިސްޓްރީ ނުކުރެވޭނެކަން ސްޕެނިޝް ލީގުން ބާސެލޯނާއަށް ވަނީ އަންގާފަ އެވެ. މިހާ ހިސާބުން މެސީއަށް އޭނާގެ ޒަމާންވީ އެންމެ ލޯބިވާ ކުލަބު ދޫކޮށް ދާން ޖެހުނެއެވެ.

މިހާރު ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ މެސީ އެކުލަބާއެކު ހަދާފައިވާ އެއްބަސްވުން ކުރިއަށް އޮތް ޖޫން މަހު ހަމަވާނެ އެވެ. ނަމަވެސް ޕީއެސްޖީގައި ހުރުމާމެދު މެސީ އަދި ވަކިގޮތެއް ނުނިންމާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަދި ބައެއް ރިޕޯޓުތަކުގައި ވާ ގޮތުން ޕީއެސްޖީން ދެން އިތުރަށް މެސީގެ އެއްބަސްވުން އައުކުރާނަމަ އޭނާގެ މުސާރަ އިތުރަށް ބޮޑުކޮށް ދޭން ޖެހެއެވެ. ނަމަވެސް ޕީއެސްޖީން މެސީގެ މުސާރަ ބޮޑުކުރާ ގޮތަށް އޭނާގެ އެއްބަސްވުން އާ ނުކުރާނެ ކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ.

މި ސީޒަނަށް ފަހު މެސީ އޭނާގެ މިހާރުގެ ކުލަބު ދޫކޮށްލާ ނަމަ ބަދަލުވުން އެންމެ ގާތީ އޭނާގެ ކުރީގެ ކުލަބު ބާސާއަށް ކަމަށް ރިޕޯޓުުތައް ބުނެއެވެ.