މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައި ވަނީ ހއ .އަތޮޅުން ފެށިގެން ލ.އަތޮޅާ ހަމައަށެވެ. މި އެލާޓްގެ ވަގުތަކީ، މިރޭ އިރުއޮއްސި 6:30 އިން ފެށިގެން މެންދަމު 12:30 އާ ހަމައަށެވެ.
މި ވަގުތުތަކުގައި އެސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމުގައި މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
މެޓްއޮފީހުން ލަފާ ކޮށްފައިވާ މިއަދުގެ މޫސުމަށް ބަލާއިރު ހޯމަ ދުވަހުގެ ހެނދުނު 06:00 އިން އަންގާރަ ދުވަހުގެ ހެނދުނު 06.00 އާއި ހަމަޔަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރައި ބޯކޮށް ވާރޭ ވެހޭނެއެވެ.
އެއިދާރާއިން ބުނީ ހުޅަނގާއި ހުޅަނގު އުތުރުން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
އެ އިދާރާއިން ލަފާކުރާ ގޮތުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ އެވެ.
މިއަދުގެ ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގެ ޢަދަދެއްގައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.