ކީރިތި ޤުރްއާނަށް ލޯބިކުރާ، ދެ ޖިންސުގެ ވަރަށް ގިނަ ޒުވާނުންތަކެއް އެބަތިބި ކަމަށާއި އެ ޒުވާނުންނަށް ބޭނުންވަނީ އިތުރު ތަމްރީނާއި ތަޖުރިބާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރަންތާޖު ޤުރުއާން މުބާރާތް ނިންމުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި، ރާއްޖެޓީވީ ގުޅިގެން ކުރިޔަށް ގެންދިޔަ މި މުބާރާތް ޝަރަފްވެރިކޮށްދެއްވާ ރައީސް ސާލިހު ވިދާޅުވީ ކީރިތި ޤުރްއާން ކިޔެވުމުގެ ހުނަރާއި ފަންނު ލިބިފައިވާ ވަރަށް ގިނަ ޒުވާނުން ރާއްޖޭގައި އެބަތިބިކަން މި މުބާރާތުން ސާބިތުވެގެން ހިނގައްޖެ ކަމަށެވެ.
އެ ޒުވާނުންނަށް ބޭނުންވަނީ އިތުރު ތަމްރީނާއި ތަޖުރިބާކަން ފާހަގަކުރައްވާ ރައީސް ސާލިހު ވިދާޅުވީ އޭރުން ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ރަން ވަނަތައް ޙާޞިލުކުރާނެ އެތައް ޤާރީންނަކާއި އެތައް ޙާފިޒުންނެއް އުފެއްދޭނެ ކަމުގައެވެ.
މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވީ، ރަން ތާޖު ޤުރުއާން މުބާރާތުގެ މަޤްޞަދުތަކުގެ ތެރޭގައި ވެސް، ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމަށް ބޭނުންވާ ހުނަރު ލިއްބައިދިނުން ހިމަނާފައި އޮތުމަކީވެސް މި މުބާރާތް ޚާއްޞަވެގެންދާ މުހިންމު ސަބަބެއް ކަމަށެވެ.
މިމުބާރާތުގައި، ޤުރްއާނުގެ ޢިލްމުގެ ބަޔާއި، ޤުރްއާން ތަފްސީރުގެ ބައި ހިމަނާފައި އޮތުމަކީ، މި މުބާރާތުގެ މަތިވެރިކަން އިތުރުވެގެންދާ ސަބަބެއްކަން ފާހަގަކުރައްވައި، ޒުވާނުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމަށް ކުރާ މަސައްކަތާއި އެކަމުގެ މުހިއްމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ.
މިޙަފްލާގައި ރަންތާޖު ޤުރުއާން މުބާރާތް ކާމިޔާބުކޮށް ރަންތާޖު ޙާޞިލްކުރި މުޙައްމަދު ސާއީ މުބާރިކަށް އިނާމް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި މުބާރާތުން 2 ވަނަ ޙާޞިލް ކުރި ފާތިމަތު ތުޤާ ޙަލީމަށް އިނާމް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.
މުބާރާތުގެ 3 ވަނަ ޙާޞިލްކުރި، ޔައީޝް މުޙައްމަދު ނިޔާޒަށް އިނާމް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.