English Edition
Dhivehi Edition

އިދިކޮޅު ޕީޕީއެމް އިން މި މަހުގެ 28 ވާ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމާފައިވާ ޖަލްސާގެ ނަން ‘ޗަ ގޯސް’ އަށް ބަދަލުކޮށްފިއެވެ.

ޕީޕީއެމް/ޕީއެންސީން ބޭއްވުމަށް ނިންމި މި ޖަލްސާގެ ނަން ބަދަލުކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޕީއެންސީގެ ނައިބު ރައީސް އަބްދުރަހީމް އަބްދުالله (އަދުރޭ) ވިދާޅުވީ ނަން ” ޗަ ގޯސް ” އަށް ބަދަލުކުރީ ވަގުތާއި ހާލަތު ނިޔާކުރި ގޮތުން ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ޖަލްސާ ބާއްވާ ރެއަކީ ކަނޑުތަކާއިބެހޭ ބައިނަލްއާޤްވާމީ ޓްރައިބިއުނަލަށް މޮރިޝަސްއިން ހުށަހެޅީ ސަރަހައްދީ އިމުގެ މައްސަލާގައި ނިންމުން ނިންމާ ރޭ ކަމަށާއި އެހެންކަމުން މިއީ އެންމެ މުނާސަބު ނަން ކަމަށެވެ.

އަދުރޭ ވިދާޅުވީ އެ ޖަލްސާ މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހްގައި ހިނގަމުންދާ ވަރަށް ގިނަ ކަންކަމާ ގުޅޭ މައުލޫމާތާއި ކަނޑުތަކާބެހޭ ބައިނަލްއާޤްވާމީ ޓްރައިބިއުނަލަށް މޮރިޝަސްއިން ހުށަހެޅި ސަރަހައްދީ އިމުގެ މައްސަލާގެ މައުލޫމާތު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

މި ޖަލްސާ އޮންނާނީ ހުކުރު ދުވަހުގެ ރޭ 20:00 ގައި އާޓީފިޝަލް ބީޗު ސަރަހައްދުގައެވެ.

ދިވެހިރާއްޖެއާއި ޗާގޮސްގެ ޖަޒީރާތަކާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދު ބަހާލުމަށް މޮރިޝަސްގެ ދައުލަތުން ދިވެހި ދައުލަތުގެ މައްޗަށް، އިޓްލޮސްއަށް ހުށައަޅާފައިވާ މައްސަލައިގައި އަންނަ ހުކުރު ދުވަހު ގޮތް ނިންމުމަށް ހަމަޖެހިފައިވާއިރު، މިކަމާމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.

އިދިކޮޅުން ބުނާ ގޮތުގައި މި މައްސަލައިގެ ނިންމުމާއި އެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެންދާނެއެވެ.