English Edition
Dhivehi Edition

އިންސާނާގެ އަމަލުތަކާއި އޭނާގެ ހިތްހަމަޖެހުމާއި ހިތް ނުތަނަވަސްވުން ފަދަ އެންމެހާ އިހްސާސްތައް ބަލަހައްޓައިދޭ އެއް މަރުކަޒަކީ އިންސާނާގެ ސިކުނޑި އެވެ. އިންސާނާގެ ސިކުނޑީގައި ނުތަނަވަސްކަމެއް އުފެދިއްޖެނަމަ އިންސާނާގެ ހަށިގަނޑުގައިވާ އެހެން ގުނަވަންތައް އެންމެ ފުރިހަމައަށް މަސައްކަތެއް ނުކުރާނެ އެވެ.

ގުނަވަންތައް ފުރިހަމައަށް މަސައްކަތް ނުކުރާނަމަ އިންސާނާގެ ހިތަށްޖެހޭ ބަލިތަކާއި ސިކުނޑިއަށްޖެހޭ ބަލިތައް އިތުރުވެ އެވެ. ހިތް ހުއްޓުމާއި ލޭގެ ޕުރެޝަރު މަތިވުމާއި ސުޓްރޯކްޖެހުމާއި އަދި ބްރެއިން ޓިއުމާ ފަދަ އެތައް ބަލިތަކަކަށް މަގުފަހިވެ އެވެ. ނަމަވެސް ނަމާދުގެ އަޅުކަން ރަނގަޅު ގޮތުގައި ކުރާނަމަ މި ބަލިތަކުން މީހާ ސަލާމަތް ކޮށްދެ އެވެ. އާންމުކޮށް ނަމާދުގެ ތެރެއިން މިކަމަށް އެންމެ ބޮޑަށް އެހީ ވާނީ ސަޖިދައަށް ދިއުމުންނެވެ.

ނަމާދުގައި މަޑުމައިތިރި ކަމާއެކުގައި ކަނުލައި ހުރެ އިމާމް މީހާ ގުރުއާން ނުވަތަ ތަކުބީރުތައް ކިޔަވަމުންދާއިރު އަޑުއެހުމުން، އަޑުއެހުމުގެ ހުނަރު ތަނަވަސް ކޮށްދީ ވިސްނުން މުއްސަނދި ކޮށްދެ އެވެ. ހިތް ނުތަނަވަސްވުމާއި މީހާގެ މާޔޫސްކަން ފިލުވައިދީ އާ އުއްމީދުތަކެއް ކުރުމަށް މީހާއަށް ހިތްވަރު ހޯދައިދެ އެވެ.

މިހާރު މީހުން އެންމެ އާންމުކޮށް ކޮށްއުޅޭ ކަސްރަތުތައް ކުރުމުން ލިބޭ ގިނަ މުހިންމު ފައިދާތަކެއް ނަމާދުގެ ހަރަކާތްތަކުން ވެސް ލިބެ އެވެ. ފަސް ވަގުތު ފަސް ނަމާދު ބަރާބަރަށް ކުރާނަމަ ޔޯގާ ކުރުމަށް ހޭދަ ކުރާ ވަގުތު ވެސް ސަލާމަތް ވީނުން ހެއްޔެވެ. ވީމާ ފަސްވަގުތު ނަމާދު ކުރުމަށް ފަރުބާތެރިވާށެވެ.