English Edition
Dhivehi Edition
ޕީޕީއެމް އިން ބޭއްވި އެއްވުމެއް - ފައިލް ފޮޓޯ

ރާއްޖޭގެ އިދިކޮޅު އެންމެބޮޑު ޕާޓީ ޕީޕީއެމް އިން “ކޮތަޅު”ގެ ނަމުގައި ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

ޕީޕީއެމް، ޕީއެންސީ ކޯލިޝަން ގުޅިގެން ބާއްވާ މި ޖަލްސާ އާއި ގުޅޭގޮތުން ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ މި ޖަލްސާ އޮންނާނީ އަންނަ ހުކުރު ދުވަހު ދުވަހުގެރޭ 08:30 ގައި އާރޓިފިޝަލް ބީޗުގައި ކަމަށެވެ.

މި ޖަލްސާގައި މިސަރުކާރާ ދެކޮޅު ހުރިހާ ރައްޔިތުންނަށް ބައިވެރިވުމަށް ޝުޖާ ވަނީ ދައުވަތު ދެއްވާފައެވެ.

ޕީޕީއެމް އިން މި ޖަލްސާ މި ބާއްވަނީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން، ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ސަރުކާރުން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ކޮތަޅުން ނަގާ ފައިސާއާއި ގުޅިގެން ކޮތަޅު ބޮނޑީގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، ސަރުކާރުން ވަނީ 50 އަށްވުރެ ގިނަ ކޮތަޅު ހުންނަ ކޮތަޅު ބޮނޑިތަކުން އިތުރަށް ފައިސާ ނުނެގުމަށް އިސްލާހެއް ހުށަހަޅާފައެވެ.

ސަރުކާރަށް ފާޑުކިޔުން އަމާޒުވުމުން ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ، އާންމު ގޮތެއްގައި ކޮތަޅު ބޮނޑިއެއްގައި ހުންނަނީ 100 ކޮތަޅު ކަމަށް ވާއިރު ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ރޭޓުން ޖުމްލަ 200ރ. ފީއެއްގެ ގޮތުގައި ދައްކަން ޖެހޭތީ އަގު ބޮޑުވަނީ ކަމަށެވެ.

ޤާނޫނަށް ބަދަލު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި އޮތް ނަމަވެސް މިހާރު މަޖިލިސް އޮތީ ޗުއްޓީއަށް ދިއުމަށް ތައްޔާރުވެފައެވެ. އެހެންކަމުން ޗުއްޓީގެ ކުރިން އެގާނޫނަށް ބަދަލު ގެނެވިދާނެ ކަމަކަށް ނުބެލެވެއެވެ.