English Edition
Dhivehi Edition

ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ހޯދުމަށް ރޮނާލްޑޯގެ ސައުދީ ކުލަބް އަލްނަޞްރުން 120 މިލިއަން ޔޫރޯގެ ގެ ހުށައެޅުމެއް ހުށައަޅައިފިކަމަށް ސައުދީގެ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ސައުދީގެ ކޯޗުކަމުގައި ހުރި ސްޕެއިންއަށްނިސްބަތްވާ ރުޑީ ގާސިއާ އެ މަޤާމުން ވަކިކޮށްފައިވާއިރު، މިހާރު އަލް ނަޞްރު ޓީމަށް ވަގުތީ ގޮތުން އިރުޝާދު ދެމުން އަންނަނީ އަލް ނަޞްރުގެ 21 އަހަރުން ދަށުގެ ޓީމަށް އިރުޝާދު ދެމުން އަންނަ ޑިންކޯ ޖެލިޗިޗްއެވެ.

އަލް ނަޞްރަށް ދާއިމީ ކޯޗަކު ހޯދުމަށް އެ ކުލަބުން މަސައްކަތް ކުރަމުން އަންނަ އިރު، އަލް ނަޞްރަށް ދާއިމީ ކޯޗެއް ހަމަ ޖައްސާނީ މި ސީނަނަށް ފަހު އަންނަ އައު ސީޒަނަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މި ސީޒަން ނިމެންދެން އަލް ނަޞްރަށް އިރުޝާދު ދޭނީ މިހާރުގެ ވަގުތީ ކޯޗު ކަމަށް ވެސް އެ ކުލަބުން ވަނީ ބުނެފައެވެ.

އަލް ނަޞްރުން އެޓީމަށް ދާއިމީ ކޯޗަކު ހޯދުމަށް މިހާރު މަސައްކަތް ފަށާފައިވާއިރު، އެޓީމުން ހޯސޭ މޮރީނިއޯ ގެންނަން މަސައްކަތް ކުރުމުގެ އިތުރުން ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އަލް ނަޞްރުން މިހާރު އަންނަނީ ޒިދާން އާއި އެކު މަޝްވަރާތައް ކުރަމުން ކަމަށް ވެސް ރިޕޯޓުގައިވެއެވެ.