ރާއްޖޭގައި އޮޕަރޭޓްކުރާ އެއާލައިނެއް ކަމަށްވާ މަންތާ އެއާ އިން އިތުރު ސީޕްލޭނެއް މިއަދު ގެނެސް، އެ އެއާލައިންގެ ފްލީޓު ބޮޑުކޮށްފި އެވެ.
މިދިޔަ އާދިއްތަ ދުވަހު އެމެރިކާ އިން ފުރައިގެން އެ ބޯޓު ރާއްޖެ އައިސްފައިވަނީ މިއަދު ހަވީރު 5 ޖެހި އިރެވެ.
މަންތާ އެއަރ އިން ފުރަތަމަ އެއަރކްރާފްޓެއް ރާއްޖެ ގެނެސްފައިވަނީ 12 ނޮވެމްބަރު 2018 ގައެވެ. އެ އެއަރލައިނަށް އޮޕަރޭޓްކުރުމުގެ ހުއްދަ ލިބުނީ 21 ފެބްރުއަރީ 2019 ގައެވެ. އަދި ސީޕްލޭން އޮޕަރޭޝަންތައް ފަށާފައިވަނީ 17 ނޮވެމްބަރު 2019 ގައެވެ.
މަންތާ އެއަރލައިނުން އަންނަނީ، މާލޭ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އިތުރުން، މާފަރު އެއަރޕޯޓާއި، ދާލު އެއަރޕޯޓާއި އަދި، ބ. ދަރަވަންދޫ އެއަރޕޯޓަށް ދަތުރުތައްކުރަމުންނެވެ.
Welcome home!
We are delighted to announce the arrival of our newest addition to the fastest growing seaplane fleet in the Maldives.#LikeAManta #NewAircraft #Seaplane #YourTropicalWaytoFly #DHC6 #TwinOtter pic.twitter.com/5MG5135quB— Manta Air (@MantaAir) April 22, 2023
މަންތާ ސީޕްލޭން ގެ ދަތުރުތައްވެސް ދަނީ ހިދުމަތް ފުޅާކޮށް، ރާއްޖޭގެ 30 ރިސޯޓަކަށް ފަތުރުވެރިން އުފުލަމުންނެވެ. އަލަށް ގެނައި ބޯޓާ އެކު އެ އެއާލައިންގެ ސީޕްލޭން ފްލީޓުގައި މިހާރު 17 ބޯޓު އޮވެއެވެ.
މަންޓާ އިން އިތުރު ސީޕްލޭނެއް ގެނެސް އެ އެއާލައިނުގެ ސީޕްލޭން ފްލީޓު ބޮޑުކޮށްފައި ވާއިރު، އިތުރު 12 ބޯޓު ހޯދަން އެ އެއާލައިނުން ވަނީ މިދިޔަ ޑިސެމްބަރު މަހު އިޢުލާން ކޮށްފަ އެވެ. މަންތާ އެއަރ އަކީ މޯލްޑިވިއަން އާއި، ވިލާ އެއަރ އެކޭ އެއްފަދައިން ރާއްޖޭގެ އެތެރޭގެ ވައިގެ އުދުހުންތަކުގެ ޚިދުމަތް ދެމުންއަންނަ ތިންވަނަ އެއަރލައިނެވެ.
މަންތާ އެއަރ ހިންގަމުން ދަނީ ، ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ، ޔުނިވާސަލް އެންޓަޕްރައިސެސްގެ ބައެއް ހިއްސާދާރުންނާއި، ރިއޯލޯ އިންވެސްޓްމެންޓް ގުޅިގެން އުފައްދާފައިވާ ކުންފުންޏަކުންނެވެ. ދާދި ފަހުން މި އެއަރލައިންވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި އޮޕަރޭޓްކުރާ އެއާލައިންތަކުން ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް އޮންލައިންކޮށް “އެސް މަނީ”ކިޔާ ޕްލެޓްފޯމަކުން ކުރިއަށްގެންދިޔަ ސާވޭއަކުން ދުނިޔޭގެ އެންމެ މަގުބޫލު 8 ވަނަ އެއަރލައިންގެ ގޮތުގައި ހޮވިފައެވެ.