English Edition
Dhivehi Edition

މި ހިނގާ އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނު ގަދަ މަސް ކަމަށާއި ހޫނު ވަގުތު ތަކުގައި ބޭރަށް ނިކުންނަމަ ވަރަށް ބޮޑަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އުތުރާއި މެދު ރާއްޖެތެރޭ ސަރަހައްދުގެ ހޫނު މިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފަައިވާ ކަމަށެވެ. އަދި ހޫނު ގަދަ ވުމުގެ ސަބަބުން އެކަމަށް ސަމާލުވުމަށް އެދި ރީނދޫ ސަމާލުގެ މުއްދަތުގެ ވެސް އިތުރުކޮށްފައިވާ ކަމަށް މެޓް އޮފީހުން ކުރި ޓްވިޓްގައި ބުނެފައިވެއެވެ.

އަދި މިއަދު ހެނދުނު 11:00 ޖެހިއިރު ރާއްޖޭގެ ފަސް ސަރަހައްދަކަށް ފީލްސް ލައިކް ޓެމްޕަރޭޗާ ނުވަތަ އިހްސާސް ކުރެވޭ ހޫނުމިން ހުރި ގޮތް އަންގައިދޭ ތަފްސީލްތަކެއް ވެސް މެޓް އޮފީހުން ވަނީ ހާމަކޮށްފަ އެވެ.

މެޓް އޮފީހުގެ އިންފޯގްރެފިކްސްއަށް ބަލާއިރު މިއަދު ހެނދުނު 11:00 ޖެހިއިރު އިހްސާސް ކުރެވޭ ފިނިހޫނުމިން ހުރީ ހދ. ހަނިމާދޫގައި 40.4 ޑިގްރީ ސެލްސިއަސް، ކ. ހުޅުލެ – 39.3 ޑިގްރީ ސެލްސިއަސް، ލ. ކައްދޫ – 40.4 ޑިގްރީ ސެލްސިއަސް، ގދ. ކާޑެއްދޫ – 39.6 ޑިގްރީ ސެލްސިއަސް އަދި ސ. ގަން – 39.8 ޑިގްރީ ސެލްސިއަސް އެވެ.

މިދުވަސް ވަރަކީ އެންމެ ހޫނުގަދަ ދުވަސްވަރަށް ވާތީވެ ހަނިމާދޫ، ހުޅުލެ، ކައްދޫ، ކާޑެއްދޫ އަދި ގަމުން ލިބޭ ފިނިހޫނުމިނުގެ މައުލޫމާތު ކޮންމެ ދުވަހަކު ހެނދުނު 11:00 ޖަހާއިރު، މެންދުރުފަހު 2:00 ގައި އަދި ހަވީރު 5:00 ގައި އެ އޮފީހުގެ ވައިބާ ގްރޫޕުގައި ހިއްސާކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.