ގޮވާމުން ޒަކާތް ބަހަން މިއަދު ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ 1444 ވަނަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސިޓީން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް އޭޕްރީލް 19 ގައި ފަށާނެ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ގޮވާން ބެހުމުގެ މަސައްކަތް ކުރިއަށް ދާނީ މަޖީދިއްޔާ ސްކޫލްގެ “ސަލާހުއްދީން ހޯލު” ގައި ކަމަށެވެ.
“ބުދަ އަދި ބުރާސްފަތި، މި ދެދުވަހު ގޮވާމުގެ ބާވަތްތައް ބަހާނެ. ބުދަ ދުވަހުގެ 13:00 އިން 15:15 އަށް އަދި ހަވީރު 16:00 އިން 17:30 އަށް. އަދި ރޭގަނޑު 20:00 އިން 22:00 އަށް ގޮވާމުން ޒަކާތް ބަހާނެ.” އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ބުރާސްފަތި ދުވަހު ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައިވާ ކަމަށާއި އެގޮތުން ފުރަތަމަ ދަންފަޅި ފެށުމަށް ހަމަޖެހިފައިވަނީ 10:00 އިން 17:30 އަށެވެ. އަދި ދެވަނަ ދަންފަޅި 20:00 އިން 22:00 އަށް ކަމަށެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަަހަރުގެ ފިތުރު އީދު ދުވަހަކީ އޭޕްރިލް 21 ވާ ހުކުރު ދުވަހެވެ.