English Edition
Dhivehi Edition

ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފަށައިފިއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ 18 އޭޕްރިލް 2023 އިން ފެށިގެން، ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން ނަގަން “ކުނި މެނޭޖްކުރުމުގެ ޤާނޫނު” ގައި ލާޒިމުކޮށްފައިވާ 2 ރުފިޔާގެ ފީ މިއަދުން ފެށިގެން ނަގަން ފަށައިފި ކަމަށެވެ.

ޕްލާސްޓިކް ކޮތަޅުގެ ފީ އަކީ ހުރިހާ ވިޔަފާރި ހަރަކާތަކުން ވެސް ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ނަގަން ޖެހޭ ފީއެކެވެ. އަދި ވަކިވަކިން ދޭ ނުވަތަ ވިއްކާ ޕްލާސްޓިކް ކޮތަޅާއި، ގިނަ އަދަދެއްގެ ކޮތަޅު އެއްކޮށް (ކޮތަޅު ބޮނޑި) ވިއްކި ކަމުގައިވިޔަސް، ދޭ ނުވަތަ ވިއްކާ ކޮންމެ ކޮތަޅަކަށް 2 ރުފިޔާގެ މަގުން މި ފީ ނަގަން ޖެހޭނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

ނަމަވެސް، ޕްލާސްޓިކް ކޮތަޅުގެ ފީ، ބައެއް ކަހަލަ ޕްލާސްޓިކް ކޮތަޅުން ނެގުން އިސްތިސްނާވެގެންވާކަމަށް މީރާއިން މައުލޫމާތުދެއެވެ. އެ ފަދަ ޕްލާސްޓިކް ކޮތަޅުގެ ބާވަތްތަކަކީ:

  • ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު؛
  • ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު؛
  • ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ޚާއްޞަކޮށް ވިއްކާ ނުވަތަ ދޫކުރާ “ބިންލައިނަރ”އެވެ.

ކުނި މެނޭޖްކުރުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުން، މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ހަރަކާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާ އަދަދުގެ މައުލޫމާތު ހުށަހަޅައި ފައިސާ ދައްކަން ޖެހެނީ މީރާއަށެވެ.

މިގޮތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ އަދަދާގުޅޭ މައުލޫމާތު އެ ފަރާތުގެ ޖީ.އެސް.ޓީ ބަޔާނުގައި ހިމަނައި އެ ފައިސާ ދައްކަން ޖެހެއެވެ. ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާފައިވާ އަދަދުގެ މައުލޫމާތު މީރާއަށް ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ އެ ފަރާތެއްގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ޖީ.އެސް.ޓީ ދައްކަންޖެހޭ ސުންގަޑި ކަމުގައި މީރާއިން މައުލޫމާތުދެއެވެ. އަދި، ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާފައިވާ އަދަދު މީރާއަށް ދައްކަންޖެހޭނީ ދިވެހި ރުފިޔާއިން ކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީ ނެގުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން ކުނި މެނޭޖްކުރުގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދު، މީރާއިން ވަނީ 22 ފެބްރުވަރީ 2023 ގައި ގެޒެޓްކޮށްފައެވެ. އަދި، ‘ޕްލާސްޓިކް ކޮތަޅުގެ ފީގެ އަދަދު ކަށަވަރުކުރުމަށް ރިކޯޑު ބެލެހެއްޓުމުގެ ގަވާއިދު’ 17 އޭޕްރީލް 2023 ގައި ވަނީ ގެޒެޓްކޮށްފައެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މި ގަވާއިދުތަކުގައި، ޕްލާސްޓިކް ކޮތަޅުގެ ފީ ހިސާބުކުރާނެ ގޮތާއި، ޓެކްސް ބަޔާނުގައި ފީގެ މައުލޫމާތު ހިމަނާނެ ގޮތް، އަދި، ފައިސާ ދައްކާނެ ގޮތް އަދި ޕްލާސްޓިކް ކޮތަޅާބެހޭ ގޮތުން ބަލަހައްޓަންޖެހޭ މައުލޫމާތުގެ ތަފްސީލު ހިމަނައިފައިވެއެވެ.