English Edition
Dhivehi Edition

އިސްލާމީ ޝަރީޢަތާއިއެކު މުޖުތަމައުގައި އަންހެނުންނަށް އިންސާފު ޤާއިމްވެގެން ދިޔަކަމަށާއި އަދި އަންހެނުންނަކީ މުޖުތަމައުގެ ދެބައިކުޅަ އެއްބައިކަމާއި މުޖުތަމައުގައި އަންހެނުންގެ ދައުރު ބޮޑުކަމަށް ޑރ. އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.

“މުޖުތަމަޢުގެ ކުރިއެރުމުގައި މުސްލިމް އަންހެނާގެ ދައުރު” މި މައުޟޫއަށް އިޙްޔާ ފޯރަމް ގައި ވާހަކަ ދައްކަވަމުން ޑރ އަނާރާ ވަނީ އަންހެނުންގެ މައްޗަށްވާ އާއިލީ ދައުރާއި، އިޖުތިމާޢީ ދައުރާއި އިޤްތިސާދީ ދައުރާއި ސިޔާސީ ދައުރާއި ދީނީ ދައުރަށް ބައްލަވާލައްވަވާފައެވެ.

އެގޮތުން އިސްލާމީ ޝަރީޢަތް އައުމުގެ ކުރީގައި އަންހެނުންގެ ޙާލަތާއި އިސްލާމީ ޝަރީޢަތުގެ ފަހުން އަންހެނުންގެ ޙާލަތަށް އައި ބަދަލުތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވަމުން، އިސްލާމީ ޝަރީޢަތް އައުމުގެ ކުރިން އަންހެނުން ދިރިހުއްޓާ ވަޅުލުމާއި، އަންހެނުންނަކީ ވާރުތަވާ ބައެއްގެ ގޮތުގައި ތިބިކަމާއި އަންހެނުންނަކީ ހަމައެކަނި ފިރިހެނުންނަށް ޚިދުމަތްކުރުމަށް ލައްވާފައިވާ ބައެއްކަމަށް އޭރު އެ މުޖުތަމަޢުތަކުގައި އޮންނަކަން ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް އިސްލާމީ ޝަރީޢަތް އައުމުން އިންސާނާއަށް ދިރިހުރުމުގެ ޙައްޤާއި މުދާ މިލްކުކުރުމާއި އިލްމު އުނގެނުމާ މިފަދަ ވަރަށް މަތިވެރި ދަރަޖަތަކަށް އަންހެނުން ގެންގޮސްދޭނެ އެތައް ޙައްޤެއް ލިބިގެން ދިޔަކަމަށް ވިދާޅުވިއެވެ. އަދި އިންސާނީ ޙައްޤުތަކާއި އަންހެނުންނާއި ފިރިހެނުން ހަމަހަމަކަން ކަނޑައެޅިގެން ދިޔަކަމަށް ވިދާޅުވިއެވެ. އެގޮތުން އިންސާނާ ދިރިހުރުމުގެ ޙައްޤު، ތަޢުލީމު އުނގެނުމާއި ޚިޔާލު ފާޅުކުރުމުގެ ޙައްޤާއި މި ހުރިހާ ޙައްޤުތަކެއް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށް ލިބިގެން ދިޔަކަމަށް ވިދާޅުވިއެވެ.

އަދި ޢިލްމު އުނގެނުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާކަމާއި އެހެންކަމުން މި ކަންކަމުން އެނގިގެން ދަނީ އިސްލާމްދީން އައުމުން އަންހެނުންނަށް ލިބިގެންދިޔަ ޤަދަރާއި މަތިވެރި ޝަރަފްކަމަށް ވިދާޅުވިއެވެ.

ޑރ އަނާރާ ވިދާޅުވީ އަންހެން ދަރިއެއްގެ ގޮތުގައްޔާއި، ކޮއްކޮއެއް، ދައްތައެއް، އަނތްބެއް، މަންމައެއް، ނޫނީ މާމައެއްގެ ދައުރު މުޖުތަމައެއްގައި އަންހެނަކު އަދާކުރާކަމަށް ވިދާޅުވިއެވެ. އަދި މި ދައުރުތައް އަދާކުރެވޭނީ އަމިއްލަ ނަފްސު ސާބިތުކަމާއިއެކު ހުރެގެންކަމަށް ވިދާޅުވެ އަޅުކަންތައް ބަރާބަރަށް އަދާކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުންފަދަ ކަންކަމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަންކަންކަމަށް ވިދާޅުވިއެވެ.