English Edition
Dhivehi Edition

މި މަހުގެ 7 ވަނަ ދުވަހު ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާ މަރުގެ ތަހުގީގަށް އެރަށު ބައެއް މީހުންގެ ޑީއެންއޭ ސާމްޕަލް ނަގައިފިއެވެ.

ނައީމާ މަރާލާފައި އޮއްވައި މި މަހުގެ ހަތް ވަނަ ދުވަހު ފެނުނު ފަހުން އެ މައްސަލާގައި ފުލުހުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެ މައްސަލާގައި ފުލުހުންގެ ފޮރެންސިކް ޓީމުގެ ބޮޑު ވަފުދެއް އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.

އެ ރަށުގެ މީހުންނާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެކަނި ދިރިއުޅުނު ނައީމާ އުޅުނު ގެއަށް އާންމުކޮށް ވަދެ އުޅޭ މީހުންގެ ފިންގަރޕްރިންޓު ނަގައި މީހުންނާ އިންޓަވިއުކޮށް މައުލޫމާތު ސާފުކޮށްފައިވެއެވެ. އަދި ހުކުރު ދުވަހު ނައީމާ ދިރިއުޅޭ ގެ ކައިރިއަށް އޭނާ ހޯދަން ދިޔަ ބައެއް މީހުނާއި، އެ ދުވަހު އެ ގެ ކައިރީ ހަރަކާތްތެރި ކަމަށް ބެލެވޭ މީހުންގެ ހަށިގަނޑުން ޑީއެންއޭ ސާމްޕަލްއާއި އިނގިލީގެ ނިޝާން ވެސް ނެގި ކަމަށް ވެއެވެ.

މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

އެކަނި ދިރިއުޅެމުން އައި ނައީމާ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގޭ ތެރޭގައެވެ. އޭނާގެ ހަށިގަނޑު ފެނުނީ ޚަބަރެއް ނުވާތާ ދެ ދުވަސް ފަހުން އޭނާ ހޯދަން ފުލުހުން އެގެއަށް ގޮސްގެންނެވެ. ހަށިގަނޑު ފެނުނު އިރު އޮތީ 21 ތަނަކަށް ވަޅި ހަރާ މަރާލާފައެވެ.