English Edition
Dhivehi Edition
އައްޑޫ ސިޓީ މީދޫ

އައްޑޫ ސިޓީ މީދޫ ގޮނޑުދޮށުން އިމާރާތް ކުރުމަށާއި އެހެނިހެން ބޭނުންތަކަށް ވެއްޔާއި އަކިރި ނަގަމުންދާ ފަރާތްތަކާ މެދު ތިމާވެށި ޙިމާޔަތް ކުރުމާބެހޭ ގަވައިދުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ކުރި އިއުލާނުގައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޤާނޫނުގެ ދަށުން ވެއްޔާއި އަކިރި ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން އާންމުކޮށްފައިވާ ތަންތަން ފިޔަވައި އެހެން އެއްވެސް ތަނަކުން ވެއްޔާއި އަކިރި ނެގުމަކީ މަނާކަމެއްކަމަށެވެ. އެހެންނަމަވެސް މީދޫގެ ގޮނޑުދޮށުން އިމާރާތް ކުރުމަށާއި އެހެނިހެން ބޭނުންތަކަށް ވެއްޔާއި އަކިރި ނަގަމުންދާކަން އެ އިދާރާއަށް ފާހަގަކުރެވިފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އަދި ވެއްޔާއި އަކިރި ވިޔަފާރި ކުރަމުންދާ ކަމުގެ މައުލޫމާތުވެސް ލިބެމުންދާކަން ފާހަގަކޮށް ކައުންސިލުން ބުނީ މިކަން ހުއްޓުމުވުމަށްޓަކައި ހުޅުމީދޫ ޕޮލިސް އާއި މީދޫ އަވަށު އޮފީހުގެ މުނިސިޕަލް އިންސްޕެކްޓަރުން ހަރަކާތްތެރިވަމުން ގެންދާނެކަމަށެވެ.

މީދޫ އަކީ މިހާރުވެސް ރަށްގިރުމުގެ މައްސަލަ ބޮޑުވެ، ގޮޑުދޮށް ހިމާޔަތް ކުރުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ޖައިކާ ގުޅިގެން ސާރވޭތަކެއް ކުރަމުން އަންނަ ރަށެއްކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަދި ދިވެހިރާއްޖޭގެ ގުދުރަތީ ތިމާވެއްޓާއި، ގުދުރަތީ ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނާން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކައުތެރިކޮށް ދެމެހެއްޓުމާއި، ރަށްގިރުމާއި ރަށުގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ރަށް ހިމާޔަތް ކުރުމަކީ ފަރުދީ ޒިންމާއެއްކަމެއް ކައުންސިލުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ އެއްވެސް ފަރާތަކުން ގަވާއިދާ ހިލާފަށް ގޮޑުދޮށުން ވެލި ނުނެގުމަށާއި، ގަވާއިދާ ހިލާފަށް ނަގާވެލި ނުގަތުމަށް އިލްތިމާސްކޮށްފައެވެ، އަދި ގަވާއިދާ ހިލާފަށް ވެލި ނަގާ ފަރާތްތަކާއި ވެލި ގަންނަ ފަރާތްތަކާމެދު މިއަދުން ފެށިގެން، ތިމާވެށި ހިމާޔަތް ކުރުމާބެހޭ ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުން ގެންދާނެކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުންވަނީ އެއްވެސް ފަރާތަކުން ގޮނޑުދޮށުން ވެލނަގާތަން ފެނިއްޖެނަމަ ނުވަތަ ވެލިނަގައި ވިއްކާ ކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ 7789041 ނުވަތަ ހުޅުމީދޫ ޕޮލިސް ސަރވިސްގެ ނަންބަރު 9791366 އަށް ގުޅުމަށްވެސް އެދިފައެވެ.