English Edition
Dhivehi Edition

ދިމާވާ ކަންތައްތަކަށް ކެތްތެރިވެ ދުލުން ބަދުބަސް ނުބުނުމަށް މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގެ އިމާމް އައްޝައިޚް ނަސްރުﷲ ޢަލީ، ނަސޭހަތްތެރި ވެއްޖެއެވެ.

އޭނާ މިފަދައިން ނަސޭހަތްތެރިވީ 1444 ވަނަ އަހަރު އަތޮޅުތަކަށް ޚާއްސަކޮށްގެން ބޭއްވި އެންމެ ފަހު އިޙްޔާ ފޯރަމްގައި، ފުވައްމުލައް ސިޓީގައި ތަޤްރީރުކުރައްވަމުންނެވެ.

ޝައިޚް ވިދާޅުވީ ދިރިއުޅުމުގައި ދިމާވާ ކޮންމެ ޙާލަތަކަށްވެސް ރުހެންޖެހޭ ކަމަށާއި ޙަޔާތުގައި މުސީބާތެއް ދިމާވުމުން، ދުޢާކޮށް އެ މުސީބާތުގެ ސަބަބުން ދަރުމަ ދެއްވައި، އެއަށްވުރެ ހެޔޮގޮތެއް މެދުވެރިކުރައްވާތޯ ދުޢާކުރުން މަތީ ދެމިތިބެން ޖެހޭ ކަމަށެވެ.

“ﷲގެ ނިޔާއަށް ރުހުން” މި މައުޟޫޢަށް ތަޤްރީރުކުރައްވަމުން ޝައިޚް އިތުރަށް ވިދާޅުވީ ދުނިޔެމަތީގައި އަޅުގަނޑުމެންނަށް އެކަމަކީ ރަނގަޅުކަމެއްކަމަށް، ތިމާއަށް ފައިދާ ހުރި ކަމެއްކަމަށް ދެކޭ ކަންކަން އެއީ ތިމާއަށް ހުރި ގެއްލުމަކަަށް ވެސް ވެދާނެ ކަމަށާއި ހުރިހާ ކަމެއްގެ ހަޤީޤަތް އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ މާތްﷲ ކަން ފާހަގަކުރެއްވިއެވެ.

ކޮންމެ ކަމެއްވެސް ދިމާވާނީ އެކަމެއްގައި ހެވެއް އޮވެގެން ކަމަށާއި މާތްﷲގެ މިންވަރާމެދު ރުހެންޖެހޭނެކަމަށް ޝައިޚް ވިދާޅުވިއެވެ.

ޝައިޚްގެ ވާހަކަފުޅުގައި މާތްﷲ އިންސާނަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެކަން ފާހަގަކުރައްވައި ދިމާވާ ކޮންމެ ކަމަކީވެސް އިމްތިހާނެއްކަންދެކިގެން ކުރިއަށް ދިޔުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި އެފަދަ ކޮންމެ ކަމެއްގެ ފަހަތުގައި ވެސް ފޮރުވިފައިވާ ކަންތައްތަކެއް ވާނެކަން ފާހަގަކުރެއްވިއެވެ.

މާތްﷲގެ މިންވަރަށް، ނިޔާއަށް ރުހިގެން ކުރިއަށް ދިޔުމުގެ މުހިންމުކަމަށް ބައްލަވައި ޝައިޚް ވަނީ ދިމާވާ ކަންތައްތަކަށް ކެތްތެރިވެ ދުލުން ބަދުބަސް ނުބުނުމަށްވެސް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ވިސްނަންވީ ދުނިޔޭގައި ބަޔަކު ކިތަންމެ ބޮޑު ދެރައެއް ދޭން އުޅުނަސް މާތްﷲގެ އިރާދަފުޅާލައިގެން މެނުވީ އެފަދަކަމެއް ނުވާނެކަން ގަބޫލުކޮށް ވަކީލް ކުރުމަށްކަމަށް ވިދާޅުވިއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އަލްއުސްތާޛް މުޙައްމަދު އަނީލް ވަނީ ރަސޫލާގެ ޙަޔާތްޕުޅުގައި ދިމާވި ހާދިސާތަކަށް ބައްލަވައި މާތްﷲގެ ނިޔާއަށް ރުހެންޖެހޭ ސަބަބުތައް ތަފްސީލްކޮށް ދެއްވާފައެވެ.

މާތްﷲއަށް ފުރިހަމައަށް އީމާންވާ މީހާ އޭނާގެ ޙަޔާތުގައި ދިމާވާ ކަންކަމަށް ކެތްތެރިވެ ދިމާވާ ކަންކަމަކީ ހެޔޮކަމެއްގެ ގޮތުގައި ބަލާނެކަމަށް ވިދާޅުވިއެވެ. ދުނިޔޭގައި ދިމާވާ ހިތްދަތި ކަންކަމަށް ކެތްތެެރިވެއްޖެނަމަ އެކަމުގެ އަޖުރު ލިބޭނެކަން ބަޔާންކުރައްވައި ރަސޫލާ ﷺގެ ޙަޔާތްޕުގައި ދިމާވި ހާދިސާތައް ކިޔައިދެއްވިއެވެ.

އެންމެ ބޮޑަށް އިންސާނުންދެކެ ލޯބިވެ ވަޑައިގަންނަވަނީ، އަދި އިންސާނުން ރައްކާތެރިކުރައްވަނީ މާތްﷲކަން ފާހަގަކުރައްވާ ދިމާވާ ހިތާމަތަކާއި މުސީބާތްތަކަށް އަޖުރުލިބެނީ ކެތްތެރިންނަށްކަމަށް ވިދާޅުވިއެވެ.

ގާތްތިމާގެ މީހަކު ނިޔާވުމަކީ ލިބޭނެ ވަރަށް ބޮޑު ހިތާމައެއްކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވަނީ މިފަދަ ކޮންމެ ކަމެއްގައި ކެތްތެރިވުމުގެ މުހިންމުކަމަށް ބައްލަވާލައްވާފައެވެ.