English Edition
Dhivehi Edition
ފޮޓޯ: އޭއޯ ނިއުސް

ސޯޝަލް ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ އިރު އާންމުންގެ ސަލާމަތާ ރައްކާތެރިކަމަށް ނުބަލާނަމަ ފްލެޓު އަތުލާނެ ކަމުގެ އިންޒާރު އަރބަންކޯ އިން ދީފިއެވެ.

އަރބަންކޯއިން މިހެން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުގެ އިމާރާތެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެންނެވެ. މިރޭ ހިނގި އަލިފާނުގެ ހާދިސާއަކީ ބައެއްގެ އިހުމާލުން ހިނގާފައިވާ ހާދިސާއެއްކަން އެނގިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ރަމަޟާން މަހު މިގޮތަށް ހިނގި މިއީ ދެވަނަ ހާދިސާއެވެ. އެ ކުންފުނިން ބުނީ މި ދެ ހާދިސާވެސް ހިނގީ ނުނިއްވާ އެއްލާލާފައި އޮތް ސިނގިރެޓު ބަޓުބުރިއެއްގެ ސަބަބުން ކަމަށެވެ.

އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ ހިޔާ ފްލެޓުތައް ފަދަ ގިނަ މީހުން ދިރިއުޅޭ އެއްމެދު އިމާރާތްތަކުގައި އާންމުންގެ ސަލާމަތާ ރައްކާތެރިކަން ގެއްލޭނެ ފަދަ އެއްވެސް އަމަލެއް ކުރުމާއި، އުނދަގޫވާނެ ފަދަ ކަންކަން ކުރުމަކީ ގާނޫނީ އެއްބަސްވުމެއްގެ ދަށުން މަނާކޮށްފައިވާ ކަންކަން ކަމަށެވެ. އޭގެ ތެރޭގައި ސިނގިރޭޓު ބުއިމާއި، އަލިފާން ރޯކުރުމާއި، އިމާރާތުގައި ދިރިއުޅޭ ބަޔަކަށް ނުވަތަ އިމާރާތަށް ގެއްލުމެއް ވާނެ އެއްވެސް ކަމެއް ކުރުމަކީ މަނާ ކަންކަމެވެ. އަދި ވަކިން ޚާއްސަކޮށް ފްލެޓުގެ ބެލްކަނިން ބޭރަށް ނުވަތަ ކޮރިޑޯއަށް އާންމުންނަށް އުނދަގޫވާނެ ގޮތަށް ވޭޕްކުރުމާއި، ސިނގިރޭޓު ބުއިން އަދި އަޅިކެނޑުމަކީ މަނާކަމެއްކަން މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެ ކަމަށް ކުންފުނިން ބުނެއެވެ.

މިފަދަ ކަންކަމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި މި ކުންފުނިން ހަދާފައިވާ އުސޫލުތަކަކަށް ވާއިރު، ގާނޫނީ އެއްބަސްވުމެއްގެ ދަށުން މިކަންކަމަށް އެއްބަސްވެ ފްލެޓުގައި ދިރިއުޅެމުން އަންނަ ފަރާތްތަކުން މި އުސޫލުތަކާ ޚިލާފުވާނަމަ އެއްބަސްވުމުގެ ދަށުން މިކަންކަމުގައި ފިޔަވަޅު އެޅިގެންދާނެ ކަމަށް ކުންފުނީގެ ބަޔާނުގައިވެއެވެ. އެގޮތުން މިފަދަ އަމަލުތަކަކީ އެ އަމަލެއް ތަކުރާރުވާ މިންވަރާއި، އެއްބަސްވުމާއި ޚިލާފުވެފައިވާ މިންވަރަށް ބަލައި، 1،000ރ އާއި، 100،000ރ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަންކަން ކަމަށާއި، މި ފަދަ ހާދިސާތައް ތަހުޤީޤު ކުރުމަށްފަހު ރައްޔިތުންގެ ސަލާމަތަށް އިހުމާލުވެފައިވާ ފަރާތްތަކުގެ ޔުނިޓް އަތުލުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް ކުންފުނިން ބުނެފައިވެއެވެ.

“މިފަދަ އަމަލުތައް ހިންގާ އެންމެ ފަރުދެއްގެ މަސްލަހަތަށް ވުރެ އަރބަންކޯ އަށް އަބަދުވެސް މުހިންމުވާނީ އަދި އިސްކަން ދޭނީ ވެސް ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްކަން މި ފުރުސަތުގައި ހަނދުމަކޮށް އަރުވަން”

ހިޔާ ސަރަހައްދަކީ މުޅި ހުޅުމާލެ އަށް ބަލާއިރު ވެސް އެ ސަރަހަދެއްގައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ސަރަހައްދެވެ. އެގޮތުން 25،000 އަށް ވުރެ ގިނަ މީހުންގެ އާބާދީއަކަށް ޖާގަ އޮތް އެ ސަރަހައްދުގައި ދިރިއުޅޭ އިރު، ކޮންމެ ފަރުދަކީ ވެސް އަމިއްލަ ސަލާމަތެކޭ އެއްފަދައިން އަނެކުންގެ ސަލާމަތާ ރައްކާތެރިކަމަށް ވެސް ސަމާލުކަން ދޭ އަދި އެއްބަޔަކު އަނެއްބަޔަކަށް އެ އިޙުތިރާމާއި ގަދަރުކުރާ ބަޔަކަށް ވުމަށް އަރބަންކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޓެގު