English Edition
Dhivehi Edition

32 ވަނަ ކްރޭނިއޯ-މެކްސިލޯފޭޝިއަލް ކޮންގްރެސް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގައި ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.

ކްރޭނިއޯ-މެކްސިލޯފޭޝަލްއަކީ އުފެދުމުގައި ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ކަރުން މައްޗަށް (ލޮލަށް، ނޭފަތަށް، ބޮލަށް) ކަރުންމަތީގެ އެހެން ގުނަވަންތަކަށް އަދި މޫނުގެ އައިބުވެފައި ހުންނަ ކަށިތައް ރަނގަޅު ބައްޓަމަކަށް ގެނެސްދިނުމަށް ހަދާ ސާރޖަރީއެކެވެ. ސާރޖަރީ ހެދުމުން ބަލާލަން ރީތި ވެފައި އައިބުތައް ފިލުވާލަދެއެވެ.

މި ކޮންގްރެސްއަކީ އިންޓަރނޭޝަންލް ކޮލެޖް އޮފް މެކްސިލޯފޭޝިއަލް ސާރޖަރީ (އައި.ސީ.އެމް.އެފް.އެސް) ގެ ކޮންފަރެންސެކެވެ.

މިފަދަ ބައްދަލުވުންތަކުގައި މިކަމާއި ގުޅިގެން ހޯދިފައިވާ ކުރިއެރުންތަކާއި ، އައު ވިސްނުންތަކާއިި އަދި ކުރެވެމުންދާ ދިރާސާތަކާއިބެހޭ ވާހަކަތައް ބަދަލުކޮށްހަދައެވެ. މި ކޮންގްރެސް ގެ ޕްރެޒިޑެންޓަކީ އަޅުގަނޑުމެންގެ އަވަށްޓެރި އިންޑިއާގެ ޕްރޮފެސަރ ޑޮކްޓަރ އެސް.އެމް. ބާލާޖީއެވެ.

ޕްރޮފެސަރ ޑރ. ބަލާޖީ އަކީ އޮނޮރަރީ ކޮންސަލްޓަންޓް ފޭޝިއޯމެކްސިލަރީ ސަރޖަން އެއްގެގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އައި.ޖީ.އެމް.އެޗް އަދި ރީޖަނަލް ހޮސްޕިޓަލްގައި ވަނީ ގިނަ އޮޕަރޭޝަންތައް ކުރައްވާފައެވެ. ސްވިޒަލޭންޑް އަދި ކެނެޑާގައި ބޭއްވުނު ދުނިޔޭގެ ކްލެފްޓް ކޮންގްރެސްގައި އެންމެ މޮޅު ސައިންސް ތަހުލީލު ތަކާއި ބެހޭ ކަރުދާސް، ދެފަހަރުމަތިން ހާސިލް ކުރެއްވުމާއެކު އިންޑިއާގެ އެސޯސިއޭޝަން އޮފް އޯރަލް އެންޑް މެކްސިލޮފޭޝަލް ސާރޖަންސް ގެ ފަހުރުވެރި “ޖިންވާލާ” ޓްރޮފީ އަދި އޭޝިއަން އެސޯސިއޭޝަން އޮފް މެކްސިލޮފޭޝަލް ސަރޖަރީ އިން ރަން މެޑަލް ހާސިލްކޮށްފައިވެއެވެ. އަދި މީގެ އިތުރުން ޓެމިލްނާޑޫ ސަރުކާރުގެ ފަރާތުން ދެއްވާ ސައިންޓިސްޓް އެވޯޑް ހާސިލްކުރެއްވުމުގެ އިތުރުން ޑރ. ބަލާޖީ ލިޔުއްވި ފޮތް ތަކަށް ޓެމިލްނާޑޫގެ ސަރުކާރުން ދެއްވާ އެންމެ މޮޅު މެޑިކަލް ފޮތުގެ އެވޯޑުވެސް އެކި ފަހަރުމަތިން ވަނީ ލިބިފައެވެ.

ދުނިޔޭގެ ތިރީސް ދެވަނަ ކްރޭނިއޯ-މެކްސިލޯފޭޝިއަލް ކޮންގްރެސްގެ ޕްރީ ކޮންފަރެންސްތަކެއް 2023 ގެ މޭ 1 އަދި 2 ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މޭ 1 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ހޭންޑްސްއޮން ވޯރކްޝޮޕް ގެ މަޢުލޫއަކީ “ކޯޓިކޯ ބާރސަލް އިމްޕްލާންޓޮލޮޖީ” އެވެ. މި ވޯރކްޝޮޕް ކުރިޔަށް ގެންދާނީ ޑެންޓިސްޓުންނަށް ޙާެއްޞަކޮށް ހުޅުވާލެވިގެން، އިންޑިޔާގެ މިކަމާ ގުޅުންހުރި އެންމެ ފުންނާބުއުސް ޑޮކްޓަރުންގެ ޓީމަކުންނެވެ.

2 މޭގައި ކުރިއަށް ގެންދާ މާސްޓަރ ކުލާހުގެ މަޢުލޫއަކީ “ޕީޑިއަޓްރިކް އެންޑް އެޑަލްޓު ކްރޭނިއޯމެކްސިލޯ ސާރޖަރީ ކޮންޖެނިޓަލް އެންޑް އެކުއާރޑް ޗެލެންޖަސް” އަދި ކުރިޔަށް ގެންދާނީ އެމެރިކާގެ ނިއުޔޯރކް ޔުނިވާރސިޓީގެ ކްރެނިއޯފޭޝިއަލް ޓީމެކެވެ. މި މާސްޓަރ ކުލާހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ އޯރަލް ސަރޖަރީ، ޕްލާސްޓިކް ސަރޖަރީ، ނިއުރޯ ސާރޖަރީ ފަދަ ކްރޭނިއޯ މެކްސިލޮފޭޝަލް ސާރޖަރީއާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުގެ މާހިރުންނަށް ޚާއްސަކުރެވިގެންނެވެ. މިފަދަ ކޮންފަރެންސެއް އައި.ޖީ.އެމް.އެޗްގައި ބޭއްވުމަކީ އަޅުގަނޑުމެންނަށް އިތުރު ތަޖުރިބާތަކެއް ލިބިގެންދާނެކަމެކެވެ. އަދި އަޅުގަނޑުމެންގެ ސިއްޙީ ދާއިރާ ކުރިއެރުމަށްލިބޭ އިތުރު ފުރުސަތެކެވެ.

އައި.ސީ. އެމް.އެފް.އެސްގެ ތިންދުވަހުގެ ބޮޑު ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަނޑޮސް އައިލެންޑު ރިސޯރޓުގައެވެ. 3 – 5 މޭ 2023ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންގްރެސްގައި މުޅި ދުނިޔޭގެ އެކި ހިސާބުތަކުން ފުންނާބުއުސް ސިއްޙީ އެތައް ގިނަ މާހިރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މިފަދަ ކޮންގްރެސްއެއް ދިވެހިރާއްޖޭގައި ބޭއްވުން މިއީ އަޅުގަނޑުމެންނަށް ލިބިގެންދާ ޝަރަފެކެވެ. އަދި ޝައްކެއްވެސް ނެތް ގޮތުގައި ސިއްޙީ ދާއިރާއަށް ލިބިގެންދާ ކުރިއެރުމެއްވެސްމެއެވެ.