English Edition
Dhivehi Edition

ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތައް ގެއްލުނު ފައިސާ އިން އެންމެ ލޯލާރިއެއް ވެސް އަނބުރާ ނުހޯދި ރައީސް ސާލިހް ވަނީ ފެއިލްވެފައި ކަމަށް ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާން (ގިޓާ) ވިދާޅުވެއްޖެ އެވެ.

ޝިޔާން މިހެން ވިދާޅުވީ އޭނާ ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.

އެ ޓްވީޓެއްގައި ވިދާޅުވީ ރަނގަޅަށް ވަކިވަކިން ދިމަދިމާ ބަލާލީމަ ފެންނަން މިއޮތީ ރައީސް ޔާމީންގެ ވެރިކަމަށްވުރެ މިވެރިކަމުގައި ހިންގި ކޮރަޕްޝަން ދެގުނަ ވެއްޖެކަން ކަމަށެވެ. އަދި އެސްއޯއީތަކުން ދެގުނަ ވައްކަން ހިންގައިފިކަން ކަމަށެވެ.

“ރަނގަޅަށް ވަކިވަކިން ދިމަދިމާ ބަލާލީމަ ފެންނަން މިއޮތީ ރައީސް ޔާމީންގެ ވެރިކަމަށްވުރެ މިވެރިކަމުގައި ހިންގި ކޮރަޕްޝަން ދެގުނަ ވެއްޖެކަން. އެސްއޯއީތަކުން ދެގުނަ ވައްކަން ހިންގައިފިކަން.” ޝިޔާން ގެ ޓްވީޓުގައި ވެއެވެ.

ޝިޔާނަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގައި ހުންނަވައިގެން ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ސަރުކާރަށް މިހާރު ފާޑު ވިދާޅުވަމުން ގެންދަވާ މެމްބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

ޝިޔާން މިހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދުގެ ފަޅީގައި ތިބި ވަރަށް ގިނަ ބަޔަކު ރައީސް ސާލިހުގެ ސަރުކާރަށް ވައްކާއި ކޮރަޕްޝަންގެ ގިނަ ތުހުމަތުތައް ދަނީ ކުރައްވަމުން ނެވެ.

އެހެންނަމަވެސް ރައީސާއި ސަރުކާރުން ވެސް ބުނަމުން އަންނަނީ މިއީ ކޮރަޕްޝަނަށް “ޒީރޯ ޓޮލެރެންސް” ގެންގުޅޭ ސަރުކާރެއް ކަމަށެވެ.