English Edition
Dhivehi Edition

ސައުދީ އަރަބިއަގެ ހޮސްޕިޓަލެއްގައި އަލަށް ވިހެއި 11 ކުދިންނަށް އެކި އަނިޔަތައް ކުރި އެ ހޮސްޕިޓަލުގެ ނަރުހަކު ފަސް އަހަރަށް ޖަލައްލުމަށް ހުކުމްކޮށްފިއެވެ.

ހޮސްޕިޓަލްގެ ނިއޮނަޓަލް ނާސަރީ ޑިޕާޓްމަންޓުގައި މަސައްކުރަމުން ދިޔަ އުމުރުން 35 އަހަރުގެ މި އަންހެން މީހާގެ ޒިންމާއެއް ކަމުގައިވެފައި ވަނީ އެ ނާސަރީއަށް ވައްދާ އަލަށް އުފަންވާ ތުއްތު ކުދިން ބެލެހެއްޓުމެވެ. ނަމަވެސް އެކުދިންނަށް އަޅާލާ ބެލެހެއްޓުމުގެ ބަދަލުގައި އެ ނަރުސް މީހާ ވަނީ އެކި ބާވަތުގެ އަނިޔާތައް އެކުދިންނަށް ކޮށްފައެވެ.

ނަރުސް އަންހެން މީހާ އަލަށް އުފަންވި 11 ކުދިންނަށް ގޯނާކުރި ކަން ފަޅާއަރާފައިވަނީ ހޮސްޕިޓަލްގެ ނާސަރީ ޑިޕާޓްމަންޓުގައި ހަރުކޮށްފައި ހުރި ސާވޭލިއަންސް ކެމާރަތަކަށް އަރާފައި ހުރުމުންނެވެ. އެ ކެމެރާތަކަށް ރެކޯޑުވެފައިވާ ވީޑިއޯތަކުން ދައްކާ ގޮތުގައި އެ ނަރުސްމީހާ އެކުދިންންގެ މޫނުމަތީގައާއި ކޮލުގައި އަދި ހަށިގަނޑުގެ އެހެން ތަންތަނުގައި އަތުން ތަޅާ އަނިޔާކުރާ މަންޒަރު ފެނެއެވެ.

މި މައްސަލަ ތަހުޤީޤުކުރުމަށް ފަހު ކޯޓުން މިހާރު ވަނީ އެ ނަރުސް އަންހެން މީހާ ފަސް އަހަރަށް ޖަލައްލުމަށް ހުކުމްކުރުމުގެ އިތުރުން 100،000 (އެއްލައްކަ) ސައުދީ ރިޔާލުން ޖޫރިމަނާވެސް ކޮށްފައެވެ.