English Edition
Dhivehi Edition

މި ދުވަސްވަރު ޕީއެސްއެމްގެ ނަމުގައި ފޯނުކޯލުތަކެއް އަންނާތީ ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެދެފިއެވެ.

އެ ބޭންކުން ބުނީ ކޯލަށްފަހު، ލިންކުލާފައި ހުންނަ އެސްއެމްއެސް މެދުވެރިކޮށް މަކަރާއި ހީލަތުން ކަސްޓަމަރުންނަށް އޮޅުވާލައިގެން ކަސްޓަމަރުންގެ އިންޓަރނެޓް ބޭންކިންގ މައުލޫމާތު ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން މިފަދަ ބައެއް ކޯލްތަކުގައި އެދޭ މައުލޫމާތު ދީގެންނާއި އޯޓީޕީވެސް ދީގެން ބައެއް ކަސްޓަމަރުން އަތުން ފައިސާ ގެއްލިގެން އެކަމުގެ ޝަކުވާ އެ ބޭންކަށް ހުށަހެޅިފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

މި ގޮތުން މިދިޔަ 5 ދުވަސްތެރޭ ދެ ކަސްޓަމަރެއްގެ އަތުން މި ގޮތަށް 50،000 ރުފިޔާ އާއި 75،000 ރުފިޔާ ގެއްލިފައިވާ ކަމުގެ ޝަކުވާ ހުށަހެޅިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މި މައްސަލަތަކަށް ބަލާއިރު ކަސްޓަމަރުންނަށް އޮޅުވާލައިގެން ފޯނުކޮށްގެން ވަރަށް ގަބޫލުކުރެވޭ ވާހަކަދައްކާ. އެއަށްފަހު އެސްއެމްއެސް މެދުވެރިކޮށް ލިންކު ފޮނުވައިގެން އިންޓަނެޓް ބޭންކިންގެ ޔޫސާ ނޭމް އާއި ޕާސްވޯޑް ހޯދާ ކަމަށެވެ. އަދި ކަސްޓަމަރުންގެ އީމެއިލް އެޑްރެހާއި ފޯނަށް އަންނަ އޯޓީޕީވެސް ކަސްޓަމަރާއި ވާހަކަދައްކައިގެން ހޯދާފައި ވެސް އެބަހުރި ކަމަށެވެ.

“އެހެންކަމުން ބޮޑު އިނާމެއް ނުވަތަ ހަދިޔާއެއް ލިބުނުކަމަށް ބުނެ މިހެންކުރާ ކޯލްތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރަން. އަދި ބޭންކަށް ވެސް އަދި އެހެން އިދާރާއަކަށް ވެސް އެއްވެސް ހާލަތެއްގައި އޯޓީޕީ ދޭން ނުޖެހޭނެކަން ހަދުމަފުޅު ބެހެއްޓެވުމަށްވެސް ދަންނަވަން.” ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން އޮންލައިން ޕޭޖްތަކުން ވިޔަފާރިކޮށްގެން ފައިސާދެއްކުމަށްފަހު، މުދާ އަދި އަނބުރާ ފައިސާ ވެސް ނުލިބޭ ކަމުގެ ޝަކުވާ އާއި ކާކުކަން ނޭނގޭ ފަރާތްތަކާއެކު ޑޮލަރުގެ މުއާމަލާތްކޮށްގެން ފައިސާ ނުލިބިގެން އެކަމުގެ ޝަކުވާ ވެސް ބޭންކަށް ހުށަހެޅިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.