English Edition
Dhivehi Edition
ފޮޓޯ: ޓްވިޓަރ

ރާއްޖޭގެ ކުޅިވަރާއި ބެހޭ ވުޒާރާ، މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ރާއްޖޭގެ ފުޓުބޯޅަ ކުލަބުތަކަށް ފައިސާ ބެހުމުގައި ތަފާތު ކުރުން ގެންގުޅޭކަމުގެ ތުހުމަތު ކުލަބް ގްރީން ސްޓްރީޓުން ކޮށްފިއެވެ.

ގްރީން ސްޓްރީޓުން ރޭ ނެރުނު ނޫސްބަޔާނުގައި މިކަން ހާމަކުރަމުން ބުނެފައި ވަނީ އަންނަ ފުޓްބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޓީމުތަކަށް ފައިސާ ބެހުމުގައި މާޒިޔާއަށް ބޮޑުއަދަދެއް ދިނުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށާއި މިގޮތަށް ތަފާތުކުރުން ގެންގުޅުމަކީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުމަށް އެޅިގެންދާ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

ގްރީން ސްޓްރީޓުން ނެރުނު މި ބަޔާނުގައި ބުނެފައިވާ ގޮތުން މިނިސްޓްރީން ވަނީ މާޒިޔާއަށް އެއް މިލިއަން ދިވެހި ރުފިޔާ ދީފައެވެ. އެހެން ނަމަވެސް ފުރަތަމަ ޑިވިޝަންގައި ވާދަ ކުރާ އެހެން ޓީމުތަކަށް ދީފައިވަނީ 247،500 ރުފިޔާ ކަމަށެވެ.

އަދި މި ފައިސާގެ އިތުރުން މިދިޔަ އަހަރު އިންޑިއާގެ ކޮލްކަތާގައި ބޭއްވުނު އޭއެފްސީ ކަޕުގެ މެޗުތަކަށް ކުރި ދަތުރު ތަކުގެ ޓިކެޓުގެ ފައިސާއަށްވާ 368،299.60 ރުފިޔާ ވެސް ވަނީ މާޒިޔާއަށް ދީފައި ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

މިގޮތަށް ފައިސާ ބެހުމުގައި ކުލަބުތަކުގެ މެދުގައި ތަފާތުކުރުންތައް ގެންގުޅުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށާއި މިއީ ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރާ ކުލަބުތަކަށާއި އަމިއްލަ ފަރާތްތްކަށް އެޅިގެންދާނޭ ބޮޑު ހުރަހެއް ކަމަށެވެ. މިނިސްޓްރީގެ މެންޑޭޓަކީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުން ކަމަށް ވީ ހިނދު މިފަދަ ތަފާތުކުރުންތަކުން ކުލަބުތަކުގެ މެދުގައި ތަފާތުކުރުމަކީ އެ މިިސްޓްރީގެ މެންޑޭޓާއި ވެސް މުޅިން ޚިލާފުކަމެއް ކަމުގައިވެސް ގްރީން ސްޓްރީޓުގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޔޫތް މިނިސްޓްރީން ހިންގި މި އަމަލު ހަށުކަށި އިބާރާތުން ކުއްވެރިކުރާކަމަށާއި އަދި މިކަން އަލުން ބަލާ ރިވިއުކޮށް ހަމަހަމަ އުސޫލެއްގެ މަތިން ކުލަބުތަކަށް ފައިސާ ބެހުމަށް ގޮވާލާކަމަށް ވެސް ގްރީން ސްޓްރީޓުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މިފަދަ އަމަލުތައް ކުއްވެރިކުރާ ހާލު ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުމަށް އެޅޭ ހުރަސްތައް ނައްތާލުމަށް ކުރާ ކޮންމެ ކަމެއްގައި ވެސް އެ ކުލަބުގެ ބައިވެރިވުން ފުރިހަމައަށް އޮންނާނޭ ކަމަށް ބަޔާނުގައިވަނީ ބުނެފައެވެ.

މާޒިޔާ އަށް މި ފައިސާ ދިން މައްސަލައިގައި، ޓީސީގެ ކުރީގެ ރައީސް އަދި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަހުމަދު ނަޝީދު (ޓީސީ ޑޭވް) ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައި ރޭ ޓްވީޓެއް ކުރައްވައިފަ އެވެ. ވަކި ކްލަބަށް މިނިސްޓްރީން އެއް މިލިއަން ރުފިޔާ ދިނީ ސީޒަނަށް ތައްޔާރުވާންތޯ ސުވާލު އުފައްދަވައި، އޭނާ ވިދާޅުވީ ދެން ތިބި ކްލަބްތަކަށް މިހާ ބޭއިންސާފުން ކަންކަންކުރަން ނުޖެހޭ ކަމަށެވެ. އަދި މި މައްސަލަ އޭސީސީ އަށް ހުށަހަހަޅާން ޖެހޭނެކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ.

ފުޓްބޯޅަ ކުލަބުތަކުގެ މެދުގައި ތަފާތުކުރުންތަކެއް ހުރިކަމަށް ބުނެ މިފަދަ ތުހުމަތުތަކެއް ގްރީން ސްޓީޓުން ކޮށްފައިވާއިރު، މާލީހާލަތު ތަން ނުދިނުމާއި ކުލަބް ރަޖިސްޓްރޭޝަންގެ މައްސަލައާއި ގުޅިގެން މިއަހަރުގެ ޕްރެޒިޑެންޓް ކަޕުގައި ގްރީން ސްޓްރީޓުން ބައިވެރިއެއް ނުވެއެވެ.

ގްރީން ސްޓްރީޓުން ނެރުނު މި ބަޔާނާއި އެކު ކުލަބުތަކުން ވަނީ ޔޫތް މިނިސްޓަރ އަޙުމަދު މަޙުލޫފަށް ފޯނުން ގުޅާ މިކަމުގެ މަޢުލޫމާތު އޮޅުންފިލުވާފައެވެ. މިކަމާއި ގުޅިގެން މަޙުލޫފް ވިދާޅުވީ މާޒިޔާއަށް އިތުރަށް ފައިސާ ދިނީ އޭއެފްސީ ކަޕަށް އެހީތެރިވުމުގެ ގޮތުން ކަމަށާއި އަދި އެކަމަކީ މިނިސްޓްރީ އާއި އެފްއޭއެމް އިން މަޝްވަރާކޮށް މީޑީއާ އާއިވެސް ހިއްސާކުރެވިފައިވާ ކަމެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ.