English Edition
Dhivehi Edition

ރާއްޖެ އެތެރެކުރަން އުޅުނު 361 ގްރާމްގެ ރަން އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ މިއީ ވައިގެމަގުން އަބޫދާބީއިން ރާއްޖެ އައި ފަސިންޖަރެއްގެ ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ރަން ކަމަށެވެ.

ވިޒްއެއާރ ފްލައިޓް ނަންބަރު W57105 އިން 2023 މާރިޗު 17 ވަނަ ދުވަހު ރާއްޖެއައި ފަސިންޖަރަކާއިމެދު ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން މި މީހާގެ ހަށިގަނޑު އިތުރަށް ބަލައި ފާސްކުރުމަށްޓަކައި ބޮޑީސްކޭން ކުރިއިރު, ހަށިގަނޑުގެ ތެރޭގައި އެއްޗެއް ރައްކާކޮފައި ހުރިކަން ފާހަގަކުރެވުނު ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މި ތަކެއްޗާއި ބެހޭގޮތުން މި ފަސެންޖަރާއި ސުވާލުކުރުމުން އޭނާ ވަނީ ހަށިގަނޑުގައި ރަން ހުންނާނެކަމަށް އެއްބަސްވެފައިވާ ކަމަށާއި މީނާގެ ހަށިގަނޑުން ނެގި ރަނުގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 361 ގްރާމް ހުރި ކަމަށް ބުނެއެވެ. އަދި މި މައްސަލައިގައި އަތުލައިގަނެފައިވަނީ އިންޑިޔާއަށް ނިސްބަތްވާ 43 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

މިމައްސަލަ މިހާރު ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.