English Edition
Dhivehi Edition

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އެއްވެސް ބަޔަކާ ކޯލިޝަން ނުހަދާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ، އިސްވެ އޮވެ ކޯލިޝަން ހެދުމަށް ދައުވަތު ލިބިފައިވާ ކަމަށާއި އެކަމަކު އެއީ ޕާޓީން ވެސް އަދި މެމްބަރުން ވެސް ގަބޫލު ކުރާ ކަަމެއް ނޫން ކަމަށެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީން ވެސް އިސްވެ އޮވެ ކޯލިޝަނެއް އުފެއްދިދާނެ ކަމަށާއި އެކަމަކު ފުރަތަމަ ބުރުގައި ވާދަކުރާނީ އެއްވެސް ޕާޓީއަކާއި ނުގުޅި ކަމަށެވެ.

“އަޅުގަނޑުމެން ޕާޓީ އިސްވެ އިވެ ވެސް ކޯލިޝަނެއް އުފެއްދިދާނެ. ޖުމްހޫރީ ޕާޓީގެ ސިޓީގައި ވަނީ އެޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނެއްގައި ބައިވެރިވާން. އެކަމަކު އެހެން ޕާޓީއެއް އިސްވެ އޮވެ އުފައްދާ ކޯލިޝަނެއްގަ މަސައްކަތް ކުރުމަކީ މި ޕާޓީގެ މެމްބަރުންނާއި ޕާޓީ ގަބޫލުކުރާ ކަމެއް ނޫން. ގައުމީ ކައުންސިލުން ނިންމާފައިވާނީ ފުރަތަމަ ބުރުގައި ވާދަކުރާނީ ވަކިން ކަމަށް.” ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މެމްބަރުންގެ އެދުން އިސްކުރަން ޖެހޭ ކަމަށާއި އެހެންވެ، އެ ސިޔާސަތަށް ބަދަލެއް ނާންނާނެ ކަމަށެވެ.

މީގެ އިތުރުން ދެވަނަ ބުރެއް އަތުވެއްޖެނަމަ، ގޮތެއް ނިންމާނީ ގައުމީ ކައުންސިލުގެ މަޝްވަރާއަށްފަހުގައި ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އަދި އެމްއެންޕީން އަބަދު ވެސް މަޝްވަރާކުރުމަށް ތައްޔާރަށް ތިބި ކަމަށާއި އެކަން ކުރާނީ ޕާޓީގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓަށް ޓިކެޓު ހަވާލުކުރުން ޚާއްސަ ރަސްމިއްޔާތަކާއި އެކު ބޭއްވުމަށް ނިންމާފައިވަނީ އަންނަމަހުގެ 5 ވަނަ ދުވަހު އާޓިފިޝަލް ބީޗުގަ އެވެ.