English Edition
Dhivehi Edition

ކީރިތި ޤުރުއާނުގައި އިންސާނާ ހައްދަވާފައިވާގޮތް ވަރަށް ތަފްސީލުކޮށް ބަޔާންކުރައްވާފައިވާކަމަށާއި އެގޮތުން އިންސާނުން ހައްދަވާފައިވަނީ ތަފާތު އެކިއެކި ބަސްބަހުން ވާހަކަދައްކާ ބައެއްގެ ގޮތުގައި ކަމަށް އައްޝައިޚް ޢަބްދުލް ޤާދިރު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ “އިޚްތިލާފީ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޝަރުޢީ މިންގަނޑު” މި މައުޟޫއަށް އިހްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން ނެވެ.

ޝައިޚް ވިދާޅުވީ އިންސާނުން ހައްދަވާފައިވަނީ ތަފާތު ކުލަތަކުގައި ކަމަށާއި މިކަމުން އެނގެނީ އަޅުގަނޑުމެންގެ ތެރޭގައި ތަފާތު ހުންނާނެކަން ކަމަށެވެ.

އެހެންކަމުން އެ ތަފާތުތަކާ ނުލާ ނޫޅެވޭނެކަމާއި އެ ޚިލާފްތައް އަޅުގަނޑުމެންގެ ތެރޭގައި އަންނާނެކަން ޤަބޫލުކުރަންޖެހޭ ކަމަށާއި މުޖުތަމައުގެ ތެރޭގައި ޚިލާފްއުފެދޭ ކަންތައްތަކަށް ބައްލަވައި އޭގެ ތެރެއިން އެއްކަމަކީ ޢަޤީދާގައި ހިމެނޭ ޚިލާފް ކަމަށެވެ. އަދި އަޤީދާގައި ހިމެނޭ ޚިލާފްތަކާ ވަރަށް ބޮޑަށް ދުރުވާންޖެހޭކަމަށް ވިދާޅުވިއެވެ.

ހޯރަފުށީގައި ކުރިއަށް ގެންދިޔަ 10 ވަނަ އިޙްޔާ ފޯރަމްގައި ތަގްރީރު ކުރައްވަމުން އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު ވިދާޅުވީ އިސްލާމްދީނުގައި ވަނީ އަޅުގަނޑުމެން، އެކީ އެއްބައެއްގެ ގޮތުގައި އުޅުމަށް އަމުރުކުރައްވާފައި ކަމަށެވެ.

ފިކުރީ އިޚްތިލާފްތަކަށް ބައްލަވައި ޝައިޚް ޙުސައިން ވިދާޅުވީ ކީރިތި ރަސޫލާގެ ސުންނަތުން އަންގަވާފައިވާ ކަންކަމުގައި ފިކުރީ އިޚްތިލާފް އުފެދިފައި ނުވާ ކަމަށެވެ. އަދި ދީނުގެ ބޮޑެތި ކަންކަމުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަންކަމުގައިވެސް ޚިލާފު އުފެދިފައި ނުވާ ކަމަށެވެ.

ރަސޫލާގެ ފަހުން ވަރަށް ގިނަ ޚިލާފުތައް އަންނާނެކަމަށް އެކަލޭގެފާނު ހަދީޘް ކުރައްވާފައިވާ ކަމަށާއި އެހެންނަމަވެސް އެކަމުގައި އޮތީ އެކަލޭގެފާނުގެ ސުންނަތާއި ޚަލީފާއިން އުޅުއްވި ގޮތުގައި ވަރުގަދައަށް ހިފައިގެން ތިބުން ކަމަށް ޝައިޚް ވިދާޅުވި އެވެ. އަދި މިކަން މީގެ އެތައް ޒަމާނެއް ކުރިން ރަސޫލާ ވަނީ ބަޔާންކުރައްވާފައިކަމަށް ވެސް ވިދާޅުވި އެވެ.