English Edition
Dhivehi Edition

ދިވެހިރާއްޖެއިން ހިމަބިއްސާއި ރުބެއްލާ އެއްކޮށް ނައްތާލައިފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ 73 ވަނަ ސަރަހައްދީ ބައްދަލުވުމުގައި އެކަން ފާހަގަކޮށްފިއެވެ.

ޑަބްލިއުއެޗްއޯއިން ދިވެހިރާއްޖެ ހިމެނޭ ސަރަހައްދުން މި ބަލި ނައްތާލުމަށް ޓާގެޓް ކޮށްފައިވަނީ 2023ވަނަ އަހަރުގެ ކުރިންނެވެ. އެގޮތުން ދިވެހިރާއްޖެވަނީ ޓާގެޓުގެ ކުރިން މި ބަލި ނައްތާލާ ސައުތްއީސްޓް އެޝިއާ ސަރަހައްދުން މި ބަލި ނައްތާލި އެންމެ ފުރަތަމަ އެއް ގައުމުގެ ޝަރަފު ހޯދާފައެވެ. އެޗްޕީއޭއިން ހާމަ ކުރި ގޮތުގައި މި ބަލި މިހާ އަވަހަށް ނައްތާލުމުގެ މައިގަނޑު ސަބަބަކީ ގައުމީ ފެންވަރުގައި ހިންގުނު ވެކްސިން ދިނުމުގެ ޕްރޮގްރާމު ތަކުގެ ނަތީޖާއެވެ. އޭގެ އިތުރުން ރާއްޖޭގައި މި ބަލި ދެނެގަތުމަށް ރަނގަޅު ފެންވަރުގެ ތަހުލީލުތައް ކުރެވޭފަދަ ލެބޯޓަރީތައް ގާއިމުވެފައި ހުރުން އެއީވެސް މި ބަލި ނައްތާލުމުގައި ފަސޭހަވި އެއްކަމެއް ކަމުގައި އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

ޑަބްލިއުއެޗްއޯއިން ދިވެހިރާއްޖެ އަކީ ހިމަބިހި ނައްތާލާފައިވާ ގައުމެއް ކަމަށް މީގެ ކުރިން 2017 ވަނަ އަހަރު ނިންމާފައި ވީނަމަވެސް އަލުން އެ ބަލި ފެނިފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެގޮތުން ފެބްރުއަރީ މަސް ނިމުނު އިރު ރާއްޖޭއިން އެ ބަލި ޖެހިފައިވާ 12 މީހަކު ވަނީ ފެނިފައެވެ. މިކަމާއި ގުޅިގެން އެޗްޕީއޭގެ އިސްނެގުމުގެ މަތިން ހެލްތް މިނިސްޓްރީގެ އެހީ ތެރިކަމާއި އެކު ރާއްޖޭގައި ވަނީ ފެބްރުއަރީ މަހުގެ ތެރޭގައި “މަވެސް ޖަހައިފިން” މި ޝިއާރުގެ ދަށުން ހިމަބިއްސާއި ރުބެއްލާ އަށް ވެކްސިން ދިނުމުގެ ހާއްސަ ކެމްޕެއިނެއް ފައްޓާފައެވެ. މި ކެމްޕެއިނަކީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު ވެކްސިން ދިނުމުގެ އެންމެ ބޮޑު ކެމްޕެއިނެވެ. އެގޮތުން މި ކެމްޕެއިނުގެ ދަށުން ވަނީ ރާއްޖޭގައި ތިބި އުމުރުން 6 މަހާއި 40 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ހިމަބިހި ވެކްސިންގެ 2 ޑޯޒް ނުލިބި ތިބި އެންމެންނަށް ވެކްސިން ދީފައެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ހިމެނޭ ގޮތަށް މި ކެމްޕެއިން ކުރިއަށް ގެންގޮސްފައިވަނީ 410،000 މީހުންނަށް އަމާޒުކޮށްގެނެވެ.

ދިވެހިރާއްޖޭގައި ގައިންގަޔަށް އަރާ ބަލިތަކަށް އަމާޒުކޮށްގެން ފުރަތަމަ ވެކްސިން ދޭން ފައްޓާފައިވަނީ 1976ވަނަ އަހަރުގައެވެ. އަދި ހިމަބިއްސަށް ވެކްސިން ދޭން ފައްޓާފައިވަނީ 1983ވަނަ އަހަރުއެވެ. 2005 ވަނަ އަހަރާއި 2006 ވަނަ އަހަރު ރާއްޖޭގައިވަނީ އެމް. އާރު (މީސްލްސް، ރުބެއްލާ) ވެކްސިން ކެމްޕޭނެއް ހިންގާފައެވެ. އަދި 2007 ވަނަ އަހަރުން ފެށިގެން ހިމަބިއްސަށް ދެވޭ ހާއްސަ ދެވަނަ ޑޯޒެއް ނެޝަނަލް އިމިއުނައިޒޭޝަން ޝެޑިއުލަށް އިތުރުކުރެވުނެވެ.