English Edition
Dhivehi Edition

ފައިވާން ނުވަތަ ބޫޓާއި އެކު ގެޔަށް ވަންނަން ތޯއެވެ؟ މިއީ ކުޑަކުދިން ދިރިއުޅޭ ތަންތަނުގައި އުޅޭ މީހުންނަށް ވަރަށް ޚާއްސަ ސުވާލެކެވެ. ބައެއް ސަޤާފަތްތަކުގައި ބޫޓާ އެކު ގެއަށް ވަދެ އުޅުމަކީ ބޭއަދަބީ ކަމެކެވެ. ނަމަވެސް ތައްރައްޤީވެފައިވާ ބައެއް ޤައުމުތަކުގައި ބޫޓާ އެކު ވަދެ އުޅެއެވެ. ބޫޓްގައި ހުންނަ ބެކްޓީރިއާގެ މިންވަރު ދެނެގަތުމައްޓަކައި އެމެރިކާގައި ދިރާސާއެއް ހެދިފައިވެއެވެ. އެދިރާސާގައި ތަފާތު 8 މީހުންގެ ބޫޓާއި، 2 ކުއްތާގެ ފައިގައި ހުރި ބެކްޓިރިއާ ނެގިފައިވެއެވެ. ދިރާސާއިން އެނގުނު ގޮތުގައި އިންސާނުން ބޭނުންކުރާ ބޫޓްގައި 66 މިލިއަން އަށް ވުރެ ގިނަ ބެކްޓީރިއާ ހުރެއެވެ. މީގެ އިތުރުން ޔުނިވަރސިޓީ އޮފް އެރިޒޯނާ އިން ހަދާފައިވާ ދިރާސާ އަކުން ދައްކާގޮތުން އިންސާނުން ބޭނުންކުރާ ބޫޓްގައި ތަފާތު ވައްތަރުތަކުގެ 09 ބެކްޓީރިއާ އުޅެއެވެ. އަދި މިބެކްޓީރިއާ ތަކުން ލޮލާއި، ފުއްޕާމެއި އަދި ބަނޑުގެ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ. މީގެ އިތުރުން މިދިރަސާއިން އިތުރަށް އެނގުނު ގޮތުގައި ފައިވާން ނުވަތަ ބޫޓްތަކުގައި އުޅޭ ބެކްޓީރިއާތަކުގެ އުމުރު ދިގެވެ. ހަމަ އެހެންމެ ބޫޓާއި އެކު ބިންމަތީގައި ހިނގާ ކޮންމެ ފަހަރަކު ބޫޓްގައި ހުންނަ ބެކްޓީރިއާތައް ބިމަށް ވާސިލްވުމުގެ %90 އޮވެއެވެ. މިދިރާސާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޖޮނާތަން ސެކްޓޮން ބުނެފައިވާ ގޮތުގައި ފާހާނާ ތަށީގައި ހުންނަ ވަރަށްވުރެ ގިނައިން ބޫޓްގައި ބެކްޓީރިއާ ހުންނަކަމަށެވެ. އަދި އާއްމުކޮށް ފާހާނާތަށީގައި ހުންނަނީ 1000 ބެކްޓީރިއާކަމަށާއި، ނަމަވެސް ބޫޓްގައި މިލިއަނަކަށް ވުރެ ގިނައިން ހުރުމުން ކަންބޮޑުވާކަމަށެވެ. މިދިރާސާގައި ބައިވެރިވި ފަރާތަކުން ބުނާގޮތުގައި މީގެ ފަހުން އަބަދުވެސް ގެއަށް ވަނުމުގެ ކުރިން ބޫޓް ބާލާނެކަމަށެވެ. ސަބަބަކީ ބޫޓްގެ ސަބަބުން ގޭތެރޭގައި އުފެދޭ ބްކްޓީރިއާގެ އަސަރު އެންމެ ބޮޑަށް ކުރަނީ އުމުރުން 02 އަހަރުން ދަށުގެ ކުދިންނަށް ކަމަށްވާތީ އެވެ. އެކުދިން ބިންމަތީގައި ކުޅެން އުޅެފައި ގިނަ ފަހަރަށް އަނގަޔަށް އަތްލާތީއެވެ. ބޫޓްގެ ދަށުގައި ހުންނަ ބެކްޓީރިއާތަކުން ގޭތެރެ ސާފުކޮށް ބޭއްވުމަށްޓަކައި ގެއަށްވަނުމުގެ ކުރިން ބޫޓް ބޭލުމާއި، ބޫޓް އަތުން ހިފައިގެން ދިޔުން ހިމެނެއެވެ. އަދި އެއަށްފަހު އަތް ރަނގަޅަށް ދޮވުން މުހިއްމެވެ. މީގެ އިތުރުން ދޮންނަމެޝިނުން ފިނިފެނުގައި ދޮންނަކުނޑި ބޭނުންކޮށްގެން ބޫޓް ދޮވުމަކީ ބެކްޓީރިއާ މަރާލަދޭކަމެކެވެ.