English Edition
Dhivehi Edition

ރަމަޟާން މަހަކީ އަހަރުގެ އެހެން މައްސަރުތަކާއި ޚިލާފަށް އެ މައްސަރުގައި ކުރާ އަޅުކަމުގެ ސަވާބު އެތައް ހާސްގުނައަކަށް އިތުރުވެގެންދާ މައްސަރެކެވެ. ކިތެންމެ ކުޑަ އަޅުކަމަކަށްވެސް އެހެން މައްސަރުތަކުގައި ކުރާ ބޮޑެތި އަޅުކަންތަކުގެ ސަވާބު ލިބޭކަމަށް އުންމަތުގެ ޢިލްމުވެރިން ވިދާޅުވެއެވެ. އެހެން ކަމުން ރަމަޟާން މަހުގައި އަޅުކަން ކުރުން އިތުރު ކުރުމަކީ މުހިންމު ކަމެކެވެ.

އަނެއް ކަމަކީ ރަމަޟާން މަހުގައި ކުރާ ބައެއް އަޅުކަންތަކަކީ ހައްޖުގެ އަޅުކަމާއި އެއްވަރަށް ސަވާބުލިބޭ އަޅުކަންތެކެވެ. އޭގެތެރެއިން އެއް ކަމަކީ ގެއިން ވުޟޫކޮށްގެން ފަރުޟު ނަމާދު ޖަމާޢަތުގައި އަދާކުރުމަށް ދިއުމެވެ.

އަބޫ އުމާމާ رَضِيَ اللهُ عَنْهُ ގެ ކިބައިން އައިސްފައިވެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. ((مَنْ خَرَجَ مِنْ بَيْتِهِ مُتَطَهِّرًا إِلَى صَلَاةٍ مَكْتُوْبَةٍ، فَأَجْرُهُ كَأَجْرِ الحَاجِّ الـمُحْرِمِ)( (رواه أحمد وأبوداود والبيهقي والطبراني) މާނައީ: “ފަރުޟުނަމާދެއް ކުރުމަށް މީހަކު އޭނާގެ ގެއިން ޠާހިރުވެގެން ނުކުމެއްޖެކަމުގައިވާނަމަ، ފަހެ، އެމީހަކަށް އިޙްރާމްބަނދެގެންހުރި ޙައްޖުވެރިޔަކަށް ލިބޭ އަޖުރު ލިބޭނެއެވެ.” މި ޙަދީޘްގެ ބައެއް ރިވާޔަތްތަކުގައި ފަރުޟުނަމާދު ޖަމާޢަތުގައި ކުރުމުގެ ގަސްތުގައި ގެއިން ނުކުމެގެން ދިޔުމުގެ ވާހަކަ އައިސްފައިވެއެވެ.

މި ޙަދީޘްގައި ގޭގެ ވާހަކަ އައިކަމުގައިވީނަމަވެސް، އެމީހަކު ހުރި ތަނަކުން ޠާހިރުވެގެން ނަމާދަށް ނުކުތުންވެސް މީގެ ތެރޭގައި ހިމެނޭނެއެވެ. މި ޙަދީޘްގެ މުރާދަކީ އެފަދަ މީހަކަށް ޙައްޖަށް އިޙްރާމް ބަނދެގެން ހުރިމީހަކު ހިނގުމުން ލިބޭ އަޖުރު ލިބޭނެވާހަކައެވެ. މި ޙަދީޘްގެ އަނެއް ރިވާޔަތުގައިވާގޮތުން ޙައްޖެއް ކުރިކަމުގެ އަޖުރު ލިބޭނެއެވެ. މިއީ ފިރިހެނުންނަށް ކަމުގައިވާއިރު އަންހެން ކަނބަލުން ފަރުޟުނަމާދު ގޭގައި ކުރުމުން މި އަޖުރު ޙާޞިލުވާނެއެވެ. إن شاء الله

މަޢުލޫމާތު: ދިސަލަފިއްޔާ/ ޝައިޚް މުޙައްމަދު ޝިނާން