English Edition
Dhivehi Edition
ފޮޓޯ:ވަގުތު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީއާއި އެކު ކޯލިޝަން ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ޕީޕީއެމް ހިމެނޭގޮތުން 5 ޕާޓީ އަކަށް ޖޭޕީ އިން ހުށަހަޅައިފިއެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު، ސަރުކާރު ހިންގާ ކޯލިޝަންގައި ވެސް ހިމެނޭ ޖޭޕީ އިން އަންނަނީ ކޯލިޝަނާ ވަކިން އިންތިޚާބަށް ތައްޔާރުވަމުންނެވެ. އެގޮތުން އެ ޕާޓީގެ ރިޔާސީ ޓިކެޓު މިހާރު ގާސިމް އިބްރާހިމަށް އަރުވާފައިވާއިރު، އެމްޑީޕީގެ ޓިކެޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވުމަށް ފަހު ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގާސިމަށް ތާއިދުކުރައްވާ އެ ޕާޓީއާ އެކު މަސައްކަތް ފައްޓަވާފައެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ސޮއިކުރައްވައި، ސިޓީ ފޮނުވާފައިވަނީ ޕީޕީއެމާއި އެމްއާރުއެމާއި އެމްއެންޕީގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރަށެވެ.

ޕީޕީއެމާއި އެމްއެންޕީން ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވެ އެވެ. ނަމަވެސް އޭގެ ތެރެއިން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާތީ މި ވަގުތަށް ވާދަކުރުމުގެ ފުރުސަތު ވަނީ ބަންދުވެފަ އެވެ. އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމެވެ.

އެމްއާރުއެމަށް ވެސް ޖޭޕީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ފޮނުވާފައިވާއިރު އެ ޕާޓީން އަދި ރިޔާސީ އިންތިހާބާ މެދު ގޮތެއް ނިންމާފައެއް ނުވެ އެވެ.