English Edition
Dhivehi Edition

ރަމަޟާން މަހާ ދިމާކޮށް ރޯދަހަދިޔާ ލިބޭނެ ކަމަށް ބުނެ އެކި އެކި ކުންފުނިތަކުގެ ނަމުގައި ފޭކު މެސެޖްތަކެއް ދައުރުކުރަން ފަށާފައިވާ ކަމަށާއި މިފަދައިން ފޮނުވަމުންދާ ފޭކު މެސެޖުތަކަށް ސަމާލުވެ ފާރަވެރިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ބުނީ އެކި ކުންފުނިތަކުގެ ފަރާތުން ރަމަޟާން މަހާއި ދިމާކޮށް ކުރިއަށް ގެންދާ އެކި ޕްރޮމޯޝަންތަކުން އިނާމް ލިބޭ ކަމަށް ބުނެ ފޭކު ލިންކު ފޮނުވަމުންދާ މައްސަލަ އެމުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެގޮތަށް ލިބޭ ލިންކުތަކަށް ފިތައި، ޒާތީ މައުލޫމާތު ނުފުރުމަށާއި، އެފަދައިން ޝައްކު ކުރެވޭ ލިންކެއް ލިބިއްޖެ ނަމަ އެކަން ފުލުހުންނާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އެފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް ފުލުހުންގެ އޮންލައިން ކްރައިމް ރިޕޯޓިން ޕޯޓަލް police.gov.mv/crimereport ބޭނުން ކުރެވިދާނެ ކަމަށާއި ނޫން ނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ

ފޭކު ލިންކުތައް މެދުވެރިކޮށް މީހުންގެ އެކައުންޓުތަކުން ފައިސާ ފޭރުން މިފަހަކަށްއައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިމައްސަލަ ފެންމަތިވުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ވެސް ވަނީ ސަލާމަތީ ފިޔަވަޅުތައް އިތުރުކޮށް ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.

ރޯދަ މަހާ ދިމާކޮށް ވިޔަފާރި ކުންފުނިތަކުން ތަފާތު ޕްރޮމޯޝަންތައް ކުރިއަށް ގެންދިޔަ ނަމަވެސް ނުދަންނަ ނަމްބަރުތަކުންނާއި ގޮތްނޭނގޭ ވިޔަފާރިތަކުގެ ނަމުގައި ފޯނަށް އަންނަ ނުދަންނަ ލިންކު ތަކަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހިފައިވެއެވެ.