English Edition
Dhivehi Edition
ޔޫތު މިނިސްޓްރީގެ ގުދަނެއް ނަމަށް ބުނާ ތަނަކުން މުދާ ނެރެނީ./ފޮޓޯ އަޙްމަދު މަޙުލޫފް ޓުވިޓާ

މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ހުސްކުރީ މާލޭ ސިޓީ ކައުންސިލްގެ ބިމެއްގައި ހަދާފައިވާ، ބަލަދުވެރި ފަރާތް އެނގެންނެތް ގުދަނެއް ކަމަށް އެކައުންސިލުން ހާމަކޮށްފިއެވެ.

353 ނަންބަރު ކޮށީގެ ދެކުނުފަރާތު ކުރީގެ ރުމާލު ޖަގަހަ އާއި ޓޯޔާޑު އާއި ދެމެދު ހަދާފައިވާ ގުދަން ހުސްކުރިގޮތް ސާފުކޮށްދިނުމަށް ނެރުނު ނޫސްބަޔާނެއްގައި ސިޓީ ކައުންސިލުން ބުނީ މާލޭގެ 353 ނަންބަރު ކޮށީގައި ހިމެނޭ ބިންތަކަކީ މާލޭ ސިޓީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ބިމަކަށްވެފައި އެ ބިމުގެ ދެކުނަށް ހުރި ކުރީގެ ރުމާލު ޖަގަހަ އާއި ޓޯޔާޑާ ދެމެދު ހަދާފައިވާ ގުދަނަކީ ވެސް މާލޭ ސިޓީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ހަދާފައިވާ ބިމެއްގައި ހަދާފައިވާ ގުދަނެއް ކަމަށެވެ. އަދި އެގުދަން ހަދާފައިވަނީ މާލޭ ސިޓީ ކައުންސިލުން ހުއްދަ ދީގެން ނޫން ކަމަށެވެ.

އަދި މާލޭ ސިޓީ ކައުންސިލުން އެ ބިމުގައި ގުދަނެއް ހެދުމަށް ނުވަތަ އެ ބިމުގެ ބައެއް ކުއްޔަށް ދިނުމަށް އެއްވެސް ފަރާތަކާ އެއްބަސްވުމެއް ހަދާފައި އޮތްކަން މާލޭ ސިޓީ ކައުންސިލްގައި ހުރި ލިޔުންތަކުން އެނގެން ނެތްކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އެ ގުދަނަކީ ޤަވާއިދާ ޚިލާފަށް މާލޭ ސިޓީ ކައުންސިލުގެ ހުއްދަ ނެތި ބޭނުންކުރަމުންދާ ތަނަކަށްވާތީ، އެ ގުދަނުގައި ބަހައްޓާފައި ހުރި ތަކެތީގެ ވެރިފަރާތެއް ހޯދުމަށް 2022 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 04 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ގެޒެޓުގައި އާންމުކޮށް އިއުލާނުކޮށް އަދި ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ގުދަނުގައި ތަކެތި ބަހައްޓާފައިވާ ފަރާތަކުން އެކަން މާލޭ ސިޓީ ކައުންސިލަށް ނާންގާނަމަ ނުވަތަ އެ ގުދަން ކުއްޔަށް ހިފައިގެން ބޭނުންކުރާ ކަމުގެ ލިޔުންތައް ހުށަހަނާޅާނަމަ އެ ގުދަން ރޫޅާލައި އެ ގުދަނުގައި ހުރި ތަކެތި މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދާނެކަން އާންމުކޮށް އަންގައި އިއުލާނު ކުރިކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް 2023 ވަނަ އަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށްވެސް މާލޭ ސިޓީ ކައުންސިލަށް އެއްވެސް ފަރާތަކުން އެ ގުދަން ބޭނުންކުރާ ކަމުގެ ލިޔުމެއް ހުށަހަޅާފައި ނުވާތީ، އެގުދަނަކީ ވެރިފަރާތެއް ނެތްތަނެއްގެ ގޮތުގައި ބަލައި އެ ގުދަން ހުސްކުރުމަށް ބެލިއިރު އެ ގުދަނުގައި މުދާތަކެއް ހުރިކަން އެނގުމާއެކު އެ ގުދަނުގައި ހުރި ތަކެތި ރައްކާތެރިކަމާއެކު މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ، އެގުދަން ހުރި ތަނަކީ މިހާރު ކައުންސިލަށް އެއްވެސް މަންފާއެއް ނުލިބޭ ތަނަކަށް ވާތީ އެ ބިމުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުމުގެ ބޭނުމުގައި ކަމަށް މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދިވެހި ރާއްޖޭގައި ހަދާފައިވާ އެންމެހައި ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކަމަށާއި، އެގޮތުން މި ގުދަންވެސް ހުސްކުރުމުގެ މަސައްކަތް ކުރަމުންދަނީ ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކަމަށެވެ.

ގުދަން ނެގުމުގެ މަސައްކަތްވެސް ކޮށްފައިވަނީ އެ އުސޫލުގެ ތެރެއިންކަމަށާއި، އެތަން ހުސްކުރުމުގައި ގަވައިދާއި ޚިލާފުކަމެއް ކޮށްފައި ނުވާނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މި މައްސަލަ ފެންމަތިވީ ޔޫތުމިނިސްޓްރީގެ ބިމެއްގެ ސަރަހައްދަށްވަދެ އެތާހުރި ގުދަނެއްގެ ތަޅުހަލާކޮށްލުމަށްފަހު މާލޭ ސިޓީކައުންސިލުން އަގުބޮޑު ސާމާނު ތަކެއް އެތަނުން ގެންގޮސްފި ކަމަށް ޔޫތު މިނިސްޓަރ ވިދާޅުވުމާ ގުޅިގެންނެވެ.

ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ކުރައްވާާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެކަން ވަގުތުން ހުއްޓާލުމަށް ސިޓީކައުންސިލަށް ގޮވާލައްވާ ކަމަށެވެ. ސިޓީކައުންސިލުގެ އެ އަމަލުގެ ސަބަބުން ގެއްލޭ ތަކެއްޗާއި ގެއްލުންލިބޭ ތަކެއްޗަށް ޒިންމާ ވާންޖެހޭނޭ ކަމަށް ވެސް ވިދާޅުވެފައިވެފައިވެއެވެ.